ފްރާސްންގައި ހަފްތާއަކު އެއްފަހަރު ނެރޭ ކާޓޫނު މެގަޒިން އަކުން ކީރިތިރާސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން "ލެވީ ޑި މަހޮމެޓް"ގެ ނަމުގައި ކޮމިކް ފޮތެއް ނެރެން ތައްޔާރުވަމުންދާ ކަމަށް ބޭރުގެ މީޑިޔާތަކުން ހަބަރު ފަތުރަމުން އެބަދެ އެވެ.

ޗާލީ ހެބްޑޯ ކިޔާ ފްރާންސްގެ އެ މަޖައްލާއިން މިހަފުތާގައި ނެރުމަށް ހަމަޖެހިފައިވާ ކޮމިކްފޮތުގައި ކީރިތި ރަސޫލާގެ ބަޔޮގްރަފީ (ކީރިތި ރަސޫލާގެ ސީރަތު) ހުށަހަޅާފައިވަނީ މުޅިން ތަސްވީރު ބޭނުން ކޮށްގެން ކަމަށް ވެއެވެ.

މާތް ﷲ އަށާއި ކީރިތި ރަސޫލާ ސިފަވާގޮތަށް އެފަދަ އެއްވެސް ތަސްވީރެއް ކުރެހުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. އަދި ކީރިތި ގުރުއާނަށް އިހާނަތިކޮށް ހިތުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރާ މިފަދަ ދަށުދަރަޖައިގެ އެންމެހައި ކަންތައްތަކަކީ މުސްލިމުން ވަރަށް ސީރިއަސްކޮށް ނަގާ އަދި ވަރަށް ބޮޑަށް ކުއްވެރި ކުރާ އަމަލު ތަކެވެ.

ފުރާންސްގެ އެ މަޖައްލާއިން މީގެ ކުރިންވެސް ވަނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމުން ރުޅިއެރުވުމަށް އެފަދަ އެތަށް ކާޓޫނުތަކެއް ޝާއިއު ކޮށްފަ އެވެ. އަދި އެފަދަ ކަންތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މީގެ ކުރިންވެސް މުސްލިމުން ވަނީ އެފަދަ ދަށުދަރަޖައިގެ ޢަމަލުތަށް ކުއްވެރިކޮށް އަޑު އުފުލާފަ އެވެ.

ޗާލީ ހެބްޑޯގެ އެޑިޓަރު ސްޓެފަނީ ޗާބޮނިއާ (ޗާބް) އޭއެފްޕީގައި ބުނެފައިވަނީ ރަސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން އެ މެގަޒިންގައި ލިޔެފައިވަނީ "ހަލާލު" ވާހަކަ ތަކެއް ކަމަށާއި، އެއީ މީގެ ކުރިން އިސްލާމީ ތާރިޚު ލިޔުނު ލިޔުންތެރިން އެކަލޭގެފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ މަޖައްލާއިން ކުރިކަމަކީ "ރަސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން ލިޔެފައިވާ އެފަދަ ލިޔުންތައް ކުރެހުންތަކެއްގެ ސިފައިގައި ހުށަހެޅުން" ކަމަށެވެ.

އަދި އޭނާ ބުނެފައިވަނީ އެމަޖައްލާގެ ގިނަ ކާޓޫނު ކުރެހުންތެރިންނަކީ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުން ކަމަށާއި އެމީހުން ދޭތެރެ ދޭތެރެއިން މިފަދަ ކުރެހުންތައް އެކި ދީންތަކަށް އަމާޒުކޮށް ކުރަހަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު މިނެރޭ ފޮތަކީ އިސްލާމުން ރުޅިއެރުވުމަށް ކުރާ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ.

ސޯޝަލް ނެޓްވޯކް ތަކާއި އިންޓަނެޓުގެ އެކިއެކި ފޯރަމްތަކުގައި ހިޔާލުފާޅުކުރާ ގިނަ މީހުންބުނަނީ މިއީ ހަމަ ގަސްތުގައި މުސްލިމުން ރުޅިއެރުވުމަށް ޗާލީ ހެބްޑޯއިން ކުރާ މަސައްކަތެއް ކަމަށާއި އެކަމުގެ "ހިތިކަން" އެމީހުންނަށް އަދި ފެންނާނެ ކަމަށެވެ.