ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ)ގެ ބަންދުގެ މުއްދަތަށް ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

އެ ކޯޓުން އެންމެ ފަހުން ޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު މެންދުރު ޖާ ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. ނަމަވެސް ރީކޯ މޫސަގެ ދަނބިދަރިކަލުން ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއްް އަދި މިހާތަނަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ޖާގެ ބަންދުގެ މުއްދަތު ކޯޓުން ފުރަތަމަ 15 ދުވަސް ޖަހައިދިނުމާ ގުޅިގެން އެ މައްސަލަ ހައިކޯޓުގައި ޖާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި ފޯން ކޯލް ރެކޯޑިންގެ އިތުރުން އޭނައާ ދެކޮޅަށް ތަހުގީގަށް ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި އެއީ ޖިނާއީ ކުށެއްގެ ތުހުމަތަށް އެކަށީގެންވާ ވަރުގެ ހެއްކެއް ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.