02 Jan 2013, 16:44
ރާއްޖޭގައި އަހަރެއްގެ ތެރޭ ކުރާ ކައިވެނިތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކައިވެނި ރޫޅޭކަން ޕްލޭނިން ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ޑިޕާޓްމަންޓުން އާންމުކޮށްފައިވާ "2012ގެ ތަފާސްހިސާބު ފޮތުން" ދައްކާ ގޮތުން 2011 ވަނަ އަހަރުގެ ތެރޭގައި 6015 ކައިވެނި ކުރެވުނީއިރު އޭގެ ތެރެއިން 3016 ކައިވެންޏެއް ވަނީ ރޫޅިފަ އެވެ. އަދި 2010ގައި 6136 ކައިވެނި ކުރި އިރު އޭގެތެރެއިން 2795 ކައިވެނި ވަނީ ރޫޅިފަ އެވެ. އަދި 2008 ގައި 5821 ކައިވެނި ކުރެވުނު އިރު 2345 ކައިވެނި ވަނީ ރޫޅިފަ އެވެ. އެހެންކަމުން ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަރީގެ ނިސްބަތް ވަނީ ނުވަ ޕަސެންޓް އިތުރުވެ ކައިވެނި ކުރާ ނިސްބަތް ރާއްޖޭގައި ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މާލޭން ބޭރުގައި އަތޮޅުތަކުގައި 2011 ވަނަ އަހަރު 3649 ކައިވެނި ކުރި އިރު 1807 ކައިވެނި ވަނީ ރޫޅިފަ އެވެ. އެއީ 22 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ހިސާބުތަކުން ދައްކަ އެވެ. މާލޭގައި އެކަނިވެސް 2366 ކައިވެނި އެވްރެޖްގޮތެއްގައި އަހަރެއްގެ މައްޗަށް ކުރެވޭ އިރު އޭގެތެރެއިން 1209 ކައިވެނި ވަނީ ރޫޅިފަ އެވެ.
ވަރިކުރި ނިސްބަތް އެންމެ ބޮޑަށް އިތުރުވެފައި ވަނީ ވ. އަތޮޅުގަ އެވެ. އެގޮތުން އެ އަތޮޅުގައި އެވްރެޖްކޮށް 17 ކައިވެނި ކުރެވުނު އިރު 14 ކައިވެނި ވަނީ ރޫޅިފަ އެވެ. ދެން ކައިވެނިތައް އެންމެ ގިނައިން ރޫޅިފައި ވަނީ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ނ. އާއި އަދި ރ. އަތޮޅުގަ އެވެ. އެ އަތޮޅުތަކުން އެވްރެޖްގޮތެއްގައި 100 ވަރި ވަނީ ރިޕޯޓްކޮށްފަ އެވެ.
ކައިވެނި ކުރާ އުމުރުފުރާގެ ތެރެއިން އެންމެ ވަރި ގިނައީ 29-25 އަހަރާ ދެމެދުގެ އުމުރު ފުރާގެ ޒުވާނުންގެ މެދުގަ އެވެ. އެ އުމުރު ފުރާގެ ޒުވާނުންގެ މެދުގައި 673 ވަރިއެއް ހިނގާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.