02 Jan 2013, 16:29
މާލޭ ސިޓީ ކައުންސިލް އުވާލުމަށް ހޯމް މިނިސްޓްރީ މެދުވެރިކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެދެފި އެވެ.
އެލްޖީއޭގެ އަހްމަދު ފައިސަލް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ކަންކަން ކުރަމުން ނުދާ ކަމަށް ބުނެ ސަރުކާރުން ހޯމް މިނިސްޓްރީ މެދު ވެރިކޮށް އެ ކައުންސިލް އުވާލުމުގެ ކަންކަން ކުރުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަދި އެލްޖީއޭ ބޯޑަށް އެޖެންޑާކޮށްފައި ނުވާ އިރު މެންބަރުނަށް އެ މައްސަލަ ފޮނުވާފައި ވެސް ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ޕްއިންޓްތަކެއް ފާހަގަކޮށްފައި ސަރުކާރުން ހޯމް މިނިސްޓްރީ އަށް އެންގުމުން ހޯމް މިނިސްޓްރީން ވަނީ އެލްޖީއޭގައި އެދިފައި ސިޓީ ކައުންސިލަށް ނަމަވެސް އެކަން އަދި ބޯޑު މެންބަރުނަށްވެސް އަންގާފަ އެއް ނުވާނޭ. އެ މައްސަލަ އެޖެންޑާ ވެސް ނުކުރަން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ކައުންސިލެއް އުވާލަން ސަރުކާރުން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި ސަރުކާރުން ޖެހޭނީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ކަމަށެވެ. އަދި ވިދާޅުވީ އެލްޖީއޭ އިން ވެސް ކައުންސިލެއް އުވާލުމުގެ ޝައުގުވެރިކަން ނުހުންނާނެ ކަމަށާއި ނަމަވެސް އެލްޖީއޭއިން މަސައްކަތްކުރަނީ ފުރަތަމަ މައްސަތައް ހައްލުކުރުމަށް ކަމަށެވެ.
"ވަކި ކައުންސިލެއް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން. އެކަމުގެ ޝައުގުވެރިކަމެއް ނޯންނާނެ އެލްޖީއޭގައި ވެސް. ފުރަތަމަ ބަލާނީ މައްސަލަތަކެއް ހުރި ނަމަ އެކަން ހައްލުކުރުމަށް. އޭގެ ފަހުގައި ބަލާނީ ކޯޓަށް ގޮސް އެ ކައުންސިލެއް އުވާލަން ޖެހޭ ނަމަ އުވާލަން،" ފައިސަލް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލް މެންބަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ އެކަން އެގޮތަށް ކުރަން ސަރުކާރުން ހުށަހެޅީ ލާމަރުކަޒީ އުސޫލު ނައްތާލުމަށް ކުރާ މަސައްކަތެެއްގެ ގޮތުން ކަމަށެވެ.