02 Jan 2013, 16:23
އެގްރީމަންޓްގެ މުއްދަތު ހަމަވަމުން ނޯޓިސްދީ އެގްރީމަންޓް ބާތިލުކުރުމުން ވެސް ކްލަބް ފަރު (ފަރުކޮޅު ފުށި) ހިންގާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މިއަދު ވިދާޅުވީ ހުޅުމާލޭގެ ބައެއް ކަމަށް ހަމަޖައްސަން ނިންމާފައިވާ ރަށް، ރިސޯޓެއްގެ ގޮތުގައި ވަގުތީ ގޮތުން ހިންގަން ދިން މުއްދަތު ނޮވެމްބަރު މަހު 15 އަށް ހަމަވެ، ނޯޓިސްދިންތާ ދޮޅު މަސްވީ އިރު ވެސް ރަށް ހުސްކޮށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށް މިހާރު އެ އޮޕަރޭޓް ކުރަނީ ލިކާ ވިއްކުމުގެ ލައިސަންސެއް އަދި އެގްރީމެންޓެއް ނެތި ކަމަށެވެ.
މީރާގެ ޑައިރެކްޓަރު، އެންފޯސްމަންޓް އެންޑް ކޮމްޕްލައިންޓްސް ފާތުމަތު އަމީޒާ މިއަދު ވިދާޅުވީ ފަރުކޮޅުފުށީގެ އެގްރީމަންޓް ބާތިލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އެ އިދާރާ އަށް އަންގާފައިވާ ކަމަށާއި އަދި އެ ރަށުގެ ކުލި ޑިސެމްބަރު މަސް ނިމުނު އިރު އެ އިދާރާ އަށް ދައްކާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގްރީމަންޓް ބާތިލުކޮށްފައިވާ ރަށަކުން ފައިސާ ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.
ފަރުކޮޅުފުށި ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ގ. ކާކީގޭ މަރުހޫމް ހުސެއިން ޝާކިރަށް ސަރުކާރުން 2005 ވަނަ އަހަރު ފަސް އަހަރަށް ކުއްޔަށް ދިން މުއްދަތު ހަމަވީ ނޮވެމްބަރު މަހު 15 އަށެވެ.
އެގްރީމަންޓް ބާތިލުކޮށް ތަން ސަރުކާރަށް ހަވާލު ކުރުމަށް އެންގުމުން ވެސް ރަށް ހަވާލުނުކޮށް ހިންގާ ސަބަބު ހޯދުމަށް ފަރުކޮޅުފުއްޓަށް ގުޅި އިރު ފޯނަށް ޖަވާބު ނުދޭތީ އެ ރަށުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފައްޓާފައިވާ، ހުޅުމާލޭގެ މަޝްރޫއު، ފަރުކޮޅުފުށި ހިމަނައިގެން ހިއްކުމުގެ މަސައްކަތް މި މަހު ތެރޭގައި ފެށޭވަރު ވާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.
ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގައި ހިއްކަން ނިންމީ 230 ހެކްޓަރުގެ ބިން ކަމަށް އެޗުޑީސީ އިން ވަނީ ބުނެފަ އެވެ. އެ މަސައްކަތަށް 60 މިލިއަން ޑޮލަރު (925.2 ރުފިޔާ) ޚަރަދު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ މަޝްރޫއު ފައްޓާފައި ވަނީ 1997 ވަނަ އަހަރު އެވެ.