ނިމިގެންދިޔަ އަހަރު ރައްޔިތުން މަޖިލީހުން ފާސްކުރި ބައެއް ބިލްތަކާ މެދު ޓްރާންސް ޕޭރަންސީ މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބައެއް ބިލްތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އަމިއްލަ ދެ ޖަމިއްޔާއިން މިއަދު ނެރުނު އެ ބަޔާނުގައި 17 ވަނަ ރައްޔިތުން މަޖިލީހުގެ ބައެއް ނިންމުންތަކާއި ފާސްކުރި ބައެއް ބިލްތަކުގެ ސަބަބުން ޑިމޮކްރަޓިކް ހެޔޮވެރިކަމުގެ ނިޒާމް ހީނަރުވެ އަސާސީ ހައްގުތައް ހަނިވާނެކަމަށް ބުނެފައިވެ އެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުވެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ނިންމި ނިންމުމަކީ މަޖިލީހުގެ ހާމަކަން ގެއްލި، ކޮރަޕްޝަނަށް މަގުފަހިވުމުގެ އިތުރުން ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީ ކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް އެ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

އަދި މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅު ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާތަކުން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ބިލް ފާސްވެގެން ގޮސްފައިވަނީ ގާނޫނު އަސާސީން ޔަގީންކޮށްދޭ ޖަމިއްޔާ ޖަމާއަތް އުފެއްދުމާއި އެ ތަންތަނުގައި ބައިވެރިވުމުގެ ހައްގުން ހަނިވާ ގޮތަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފައްދާ ދެމެހެއްޓުމަށް ވަކި އަދަދަކަށް މެންބަރުން ހިމެނޭގޮތަށް ޕާޓީގެ ބިލްގައި ޝަރުތުކުރުމަކީ ސިޔާސީ ޕާޓީ ނިޒާމް ހަރުދަނާވާނެ ކަމެއްނޫން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

"ޕާޓީ ނިޒާމް ހިންގުން ހަރުދަނާކުރުމަށް ބޭނުންވަނީ ޕާޓީތަކުގެ މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާއި ޕާޓީތަކުން އިސްނަގައިގެން މާލީ ކަންކަން މެންބަރުނަށް ހާމަކުރުމާއި އޮޑިޓްކުރުމާއި މިކަންކަން ތަންފީޒް ކުރޭތޯ ބެލުމާއި މިކަންކަމާއި ހިލާފް ވެއްޖެ ނަމަ ފިޔަވަޅު އެޅުންފަދަ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތައް ރަޖިސްޓްރީވެފައި އޮތުމާއި ޕާޓީގައި ތިބޭ މެންބަރުންގެ އަދަދަށް ބެލުމުގެ ބަދަލުގައި ޕާޓީއަށް އާންމު އިންތިހާބެއްގައި ލިބޭ ވޯޓުގެ އަދަށް ނުވަތަ ރައްޔިތުން މަޖިލީހުގައި ޕާޓީއަށް ލިބިފައިވާ ގޮނޑީގެ އަދަށް ބެލުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ރައްޔިތުން މަޖިލީހުން މިދިޔަ އަހަރު ފާސްކުރި މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ބިލަކީ އެކަށީގެންނުވާ މާލީ އަދި އެހެނިހެން އިނާޔަތައް ލިބިދޭ ބިލަކަށް ވާއިރު އެއީ ގާނޫނު އަސާސީގައި ބުނެފައިވާ އިމްތިޔާޒްގެ މަފްހޫމާއި ހިލާފް ބިލެއް ކަމަށްވެސް ވަނީ ބުނެފައިވެ އެވެ.

މީގެ އިތުރުން ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ބިލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލް ފާޅުކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި މުޅި ޑިމޮކްރަސީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ބިލެއް ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ތަސްދީގް ނުކުރައްވާހުރި އެ ބިލްތައް އަލުން މުރާޖާކުރުމަށް އެ ޖަމިއްޔާއިން ވަނީ މަޖިލީހަށް ގޮވާލާފަ އެވެ.