02 Jan 2013, 15:04
އެމްޓީސީސީ ފެރީއަކާއި ހުޅުލޭ ފެރީ އެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފެރީން ދަތުރުކުރި ފަސްމީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އޮންލައިންއަަށް ވިދާޅުވީ ހުޅުމާލެއިން މިއަދު މެންދުރު 1:30 އެހާކަންހާއިރު 110 މީހުންނާއި އެކު މާލެއަައި މާލޭގެ ފެރީ ނެރުން ވަންނަނިކޮށް ފަޅުތެރޭގައި އޮތް ހުޅުލޭ ފެރީއެއް ފަހަތަށް ޖެހުމުގެ ތެރޭގައި ދެ ފެރީ ޖެހި ހުޅުލޭ ފެރީގައި ތިބި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވީ ކަމަށެވެ.
"އަޅުގަނޑުމެންގެ ފެރީ ހުޅުމާލެއިން ނައްޓާލީ ގާތްގަޑަކަށް 1:30 އެހާކަށްހާއިރު. ދެން މާލެ ފަޅަށް ނެރުން ވަންނަނިކޮށް ހުޅުލޭ ފެރީ އެއް ކުއްލިއަކަށް ފަހަތައް ޖެހީ. ދެން އަޅުގަނޑުމެންގެ ފެރީގެ ދިރުބާ ކޮޅު ވަނީ ހަލާކުވެފަ،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓްގައި އެމްޓީސީސީގެ ފެރީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުލޭ ފެރީ އަކާއި އެމްޓީސީ ފެރީ އެއް އެކްސިޑެންޓް ވެފައިވާ ކަމަށާއި އަދި ފަސް މީހަކަށް އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށްޓަކައި އެމީހުން މިހާރު އޭޑީކޭ އަށް ގެންދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަހަކަށް އައިސް ފެރީތައް އެކްސިޑެންޓްވުމުގެ ހާދިސާތައް އަންނަނީ ކުރިމަތިވަމުންނެވެ. ދާދިފަހުން ހުޅުމާލޭ އެކްސްޕްރެސް ލޯންޗާއި ބަނޑޮސް ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ޓޫރިސްޓަކުވެސް ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގައި ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއްވި އެވެ.