02 Jan 2013, 14:37
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކޯޗަކީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އަންދްރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ކޯޗް ވިޔަސް ބޮއަސް ވަނީ ޕޯޓޯގައި މޮރީނިއޯގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ޕޯޓޯ އަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިނުމަށްފަހު، މޮރީނިއޯ ވަނީ ޗެލްސީ އަދި އިންޓަމިލާނަށް ވެސް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.
"ޝައްކެއް ނެތް ގޮތުގައި މޮރީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު. މޮރީނިއޯއާއެކު މަސައްކަތްކުރުމުން ތަފާތު ތަޖުރިބާތަކެއް ލިބުނު. އެފަދަ މޮޅު ކޯޗަކު ހޯދުމަކީ ވަރަށް އުނދަގޫކަމެއް. މޮރީނިއޯ ވަނީ އަހަރެންނަށް ދާންވީ މަގު ދައްކައިދީ، މެޗުތަކުގައި ރޭވުންތައް ގެންގުޅޭނެ ގޮތްތަކާއި އިދިކޮޅު ޓީމްތަކުގެ ކުޅުން ދެނެގަންނާނެ ގޮތް ދަސްކޮށްދީފަ." ވިޔަސް ބޮއަސް ބުންޏެވެ.
ވިޔަސް ބޮއަސްގެ ކޯޗިންގް ކެރިޔަރު ފަށައިގަތީ މޮރީނިއޯ ވެސް ކުރިން ކޯޗުކަން ކޮށްދިން ޕޯޓޯ އިންނެވެ.
ޕޯޓޯ އަށް ކޯޗުކޮށްދިނުމަށް ފަހު، މޮރީނިއޯ އެކޭ އެއްފަދައިން ޗެލްސީގެ ކޯޗުކަންވެސް ވިޔަސް ބޮއަސް ކޮށްފައި ވެއެވެ. ޗެލްސީގެ ނާކާމިޔާބީއަށް ފަހު، މިހާރު ވިޔަސް ބޮއަސް ކޯޗުކަން ކޮށްދެމުން ދަނީ ޓޮޓެންހަމް އަށެވެ.