ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ލޫކަސް މޫރާ ވެގެންދާނީ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ވަރަށް މުހިންމު ކުޅުންތެރިއަކަށް ކަމަށް އެކުލަބުގެ ގޯލްކީޕަރު ސްލްވަޓޯރް ސިރިގޫ ބުނެފި އެވެ.

ލަންޑަންގައި ނިމިގެންދިޔަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ބްރެޒިލްގެ 23 އަހަރުންގެ ދަށުގެ ފުޓްބޯޅަ ގައުމީ ޓީމް ފައިނަލާއި ހަމައަށް ގެންގޮސްދިނުމަށް ލޫކަސްގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި ވެއެވެ. ސައޮ ޕައޮލޯއަށް ކުޅުމަށްފަހު، ލޫކަސް މިހާރު ހުރީ ފްރާންސްގަ އެވެ.

"މޫރޯ އަކީ ޕީއެސްޖީއަށް ވަރަށް މުހިންމު ކުޅުންތެރިއަކަށް ވާނެ. އޭނާ ވެގެންދާނީ މިހާރު އަދި ކުރިއަށް އޮތްތާ ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. ލޫކަސް އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް. ހަމަޔަގީނުން ވެސް އޭނާ އަހަރެމެންނަށް ލީގު ހޯދައިދުނުމަށާއި ޗެމްޕިއަންސް ލީގުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭނެ." ސިރިގޫ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ސްޕެއިންގެ ވެލެންސިއާ އެވެ. ދެވަނަ ބުރަށް ޕީއެސްޖީ ކޮލިފައިވީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގަ އެވެ. މިވަގުތު ޕީއެސްޖީ އޮތީ ފްރާންސް ލީގުގެ އެއްވަނާގަ އެވެ.