އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސްކޮށްދިނުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ވެސް އެފްއޭއެމްގައި އެއްދިއްޖެ އެވެ.

ވިކްޓަރީން ވެސް މުބާރާތް ފަސްކޮށްދިނުމަށް އެދި އެފްއޭއެމްއަށް ސިޓީ ފޮނުވި އިރު، މީގެ ކުރިން މުބާރާތް ފަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވި އަނެއް ހަތަރު ކުލަބަކީ ކުލަބް ވެލެންސިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބާއި އޭވައިއެލް އަދި އީގަލްސް އެވެ.

އެފްއޭއެމް އިން ބުނީ، މުބާރާތް ފެށެން އެންމެ އަށް ދުވަހަށް ވެފައިވާ އިރު، މިހާތަނަށް ސިޓީ ފޮނުވީ، މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ ތެރެއިން ފަސް ޓީމުން ކަމަށާއި އެހެން ނަމަވެސް އަދި ވެސް މުބާރާތް ބާއްވާނެ ތަރީހަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓުތައް މިއަދު ލިބުމުން، މާދަމާ މުބާރާތުގެ ގުރުއަތު ލުމުގެ މަސައްކަތް ކުރިއަށް ގެން ދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން އަހަރުތަކަކާ ހިލާފަށް މި ފަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ޖުމްލަ 12 ޓީމް ބައިވެރި ކުރާ ގޮތަށް އެފްއޭއެމްއިން ނިންމާފައިވީ އިރު، މުބާރާތުގައި ބައިވެރިވަނީ ފަސްޓު ޑިވިޒަންގެ އަށް ޓީމް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި އަތޮޅުތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.