ސްޕެއިންގެ އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބުކަމަށްވާ ބާސެލޯނާ ބަލިކުރެވޭނެ އެއްވެސް "ޖާދޫ ވަޒަނެއް" ނެތް ކަމުގައި އެކުލަބުގެ ކުރީގެ ކޯޗު ފްރޭންކް ރައިކާޑް ބުނެފި އެވެ.

ބާސާ އަށް ކޯޗުކޮށްދިނުމަށް ފަހު، 2008 ވަނަ އަހަރު އެކުލަބު ދޫކޮށް ރައިކާޑް ދިއުމަށް ފަހު ބާސާ އަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވެ އެވެ.

ރައިކާޑްގެ ފަހުން ބާސާ އާއި ހަވާލުވި ޕެޕް ގާޑިއޯލާ ކްލަބު ދޫކޮށް ދިޔައީ އެކުލަބަށް ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ގާޑިއޯލާ އަށް ފަހު މިސީޒަނުގައި ބާސާގެ ކޯޗުކަމާއި ހަވާލުވެފައިވާ ޓިޓޯ ވިލަނޯވާ ވަނީ އެކުލަބަށް ވަރަށް ރަނގަޅު ފެށުމެއް ހޯދައިދީފަ އެވެ.

މިހާރު ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަން ފުރަމުންދާ ރައިކާޑް ގަބޫލުކުރާ ގޮތުގައި، ބާސާ ބަލިކުރުމަކީ އުނދަގޫ ކަމެކެވެ. އަދި ބާސާގެ ވާދަވެރިން ކަމަށްވާ ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބާސާއާއި ދެކޮޅަށް ނުކުންނަ އިރު، ބޭނުންކުރަމުންދާ އުކުޅުތަކަށް ރައިކާޑް ތަޢުރީފްކޮށްފަ އެވެ.

"ބާސާ ބަލިކުރެވޭނެ "ޖާދޫ ވަޒަނެއް" ނެތް. ނަމަވެސް އެމީހުންގެ ކުޅުމަށް އެހެން ޓީމްތަކުން ހޭނެން ޖެހޭނެ. އެހެން ކްލަބުތަކަށް ބާސާގެ މައްޗަށް ކުރި ހޯދިފައިވަނީ ޓީމް އެކުވެގެން ޑިސިޕްލިން ޑިފެންސެއް ކުރާތީ. އިންޓަ މިލާނާއި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުން ބާސާ ކަޓުވާލާފައި. އަދި މިހާރު އެއޮތީ ރެއާލް މެޑްރިޑް (މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާ ޗެމްޕިއަނުން). މެޑްރިޑުން ބޭނުންކުރަމުންދާ އުކުޅުތަކަށް ކިޔޭނީ "ހޯސޭ މޮރީނިއޯގެ މޮޅުވުމުގެ ރެސިޕީ". އެކަން މޮރީނިއޯ ފެށީ ޗެލްސީއިން. އެއަށްފަހު އިންޓަމިލާނުން. އަދި މިހާރު މެޑްރިޑުން." ރައިކާޑް ބުންޏެވެ.

މިހާރު އެންމެ ބާރަށް ދެކެވެމުންދާ އަދި ބަހުސް ކުރެވެމުންދާ އެއްކަމަކީ ފީފާ ބެލޮންޑިއޯ އެވޯޑް ހޯދާނެ ކުޅުންތެރިޔަކީ ކާކުކަމާއި މެދު އެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވިފައިވާ ތިން ކުޅުންތެރިންކަމަށްވާ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާގެ ތެރެއިން އެއެވޯޑް ލިބިގެންދާނެކަމަށް ރައިކާޑް ބުނަނީ މެސީއަށް ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ މެސީ. މެސީ ވަނީ މިއަހަރު ވަރަށް މޮޅު ކުޅުމެއް ދައްކާފައި. މެސީ އަކީ ހަމައެކަނި ކުޅުމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ކުޅުންތެރިއެއް ނޫން. އޭނާ އަކީ ވިސްނުންވެސް ތޫނު ކުޅުންތެރިއެއް. އަހަރެން މެސީއާއި މެދު ފަހުރުވެރިވަން." ކުޅުންތެރިއެއްގެ ގޮތުގައި އަޔެކްސް އަށް ކުޅުނު ރައިކާޑް ބުންޏެވެ.

ބާސާގެ ކޯޗުކަން ފަސް އަހަރުދުވަހު ކޮށްފައިވާ ރައިކާޑް ވަނީ އެކުލަބަށް ޗެމްޕިއަންސް ލީގަކާއި ސްޕެނިޝް ލަލީގާގެ ދެ ތަށި ކާމިޔާބުކޮށްދީފަ އެވެ. އަދި މެޑްރިޑްގެ ދަނޑުގައި ދެފަހަރެއްގެ މަތިން އެންމެ ފުރަތަމަ ބާސާ މޮޅުވީ ރައިކާޑްގެ ކޯޗު ކަމުގެ ދަށުގަ އެވެ.