ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ހަތަރު މީހުން ދައުވާ އަށް އިންކާރުކޮށްފި އެވެ.

އުމުރުން 16 އަހަރުގެ އަރްހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، އާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފު، 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދިފާއީ ވަކީލަކާ އެކު ހާޒިރުވި މުހައްމަދު ވިސާމާއި މުހައްމަދު ސުފުޔާނާއި އާތިފް ރަޝީދު ވެސް ދައުވާއަށް އިންކާރު ކުރަމުން ބުނެފައި ވަނީ އެކަން ހިނގާފައިވާ ގޮތް އެމީހުނަށް ނޭނގޭތީ ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ދިފާއީ ވަކީލަކާ ނުލައި ޝަރީއަތަަށް ހާޒިރުވެ މަންސޫރު ޔޫސުފު ބުނީ އޭނާ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި ދިފާއީ ވަކީލާ އެކު ވެސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މުހައްމަދު ވިސާމާއި ސުފުޔާނާއި އާތިފް ރަޝީދުގެ ދިފާއީ ވަކީލް ކޯޓުގައި މިއަދު ވިދާޅުވީ ދައުލަތުން އެ ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެއްޗެއް ބުނެވޭނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ދައުލަތުން ހުށަހަޅާ ހެކިތައް އެނގުމުން ކަމަށެވެ.

ދައުލަތު ވަކީލާ މިއަދު ވަނީ އެ ހަތަރު މީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަލުން ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި އެމީހުންގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހުރި ހެއްކި ލިއުމުން އަންނަ އާދިއްތަ ދުވަހު ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަރުހަމު މަރާލީ އޭނާ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. ވަޅިހަރައި އޭނާ މަލާރާލާފައި އޮއްވައި ފެނުނީ ފުލުހުންގެ މީހަކަށެވެ.