02 Jan 2013, 13:45
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް، 38، އާއި އަންހެނުން ވިކްޓޯރިޔާ، 37 އާއި ދެމަފިރިންގެ ހަތަރު ދަރިން ދިވެހިރާއްޖޭގައި ހޭދަކުރަމުންއައި 11 ދުވަހުގެ ޗުއްޓީ ނިންމާލުމަށް ފަހު ހިތްހަމަ ޖެހުމާ އެކު އެނބުރި އިނގިރޭސިވިލާތަށް މިއަދު ފުރައިފި އެވެ.
ސަންއަށް މައުލޫމާތުދެމުން އެއާޕޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވި މިއަދު ހެނދުނު 11:45ގައި ބެކަމް އާއިލާއާ އެކު ރާއްޖެ އިން ފުރާފައި ވަނީ އީޓީއޭގެ ޕްރައިވެޓް ޖެޓެއްގައި ކަމަށެވެ. އަދި ބެކަމް އާއި އާއިލާ ފުރުވުމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެއާޕޯޓަށް ވަޑައިގެންނެވި ކަމަށް ވެސް އެ އޮފިޝަލް ސަންއަށް މައުލޫމާތު ދިނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބެކަމް ރާއްޖެ އިން ފުރާފައި ވަނީ، ދާއިމީ ގޮތެއްގައި އަހަރީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނާނެ ކަމަށް ބުނެ ކަމަށެވެ. އަދި ބެކަމް މިފަހަރު ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ޕަޕަރާޒީންނާއި އެހެނިހެން ވެސް އެފަދަ ފަރާތްތަކުގެ އުނދަގުލުން އޭނާ ހިމާޔަތްކުރުމަށް ރިޒޯޓާއި ކަމާ ބެހޭ އެހެނިހެން ދާއިރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު އަދި ފެންވަރު ރަނގަޅު އެއް ރިސޯޓުގައި 11 ދުވަސް ހޭދަކުރުމަށް އައި ބެކަމްގެ މިދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު (6.3 މިލިޔަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފައިވާ އިރު ބެކަމްގެ ދެމަފިރިންނަށް ރީތިރަށުން ހިފާފައިވާ ކޮޓަރީގެ ކުއްޔަށް ރެޔަކަށް 8600 ޕައުންޑް ނުވަތަ މިނިޓަކަށް 6 ޕައުންޑުގެ ރޭޓުން އަގު ޖެހެ އެވެ. އަދި ބެކަމްގެ ތިން ފިރިހެން ދަރިން ކަމަށްވާ ބްރޫކްލީން، 13، އާއި ރޯމިއޯ، 10، އާއި ކްރޫޒް، 7، އަދި އެންމެ 18 މަސްދުވަހުގެ އަންހެން ދަރިފުޅު ހާޕާއަށް ރެޔަކަށް 3700 ޕައުންޑުގެ ރޭޓުން ވަނީ އިތުރު ތިން ކޮޓަރި ހިފާފަ އެވެ.