އޭއެފްސީ 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާ ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ އިރު، ޓީމުގެ ހެޑް ކޯޗަކަށް އިހުސާން އަބުދުލްގަނީ (ސާންތީ) އެފްއޭއެމުން ހަމަޖައްސައިފި އެވެ.

މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ގްރޫޕް ސީ ފަޅީގައި ކަމަށާއި އެގޮތުން ރާއްޖެއާ އެކު ގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ އުޒްބެކިސްތާނާއި ތަޖިކިސްތާނާއި ނޭޕާލާއި ބޫޓާން އަދި އަފްގާނިސްތާނެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، ސާދަ އަހަރުން ދަށުގެ ކޯޗަކަށް ސާންތީ ހަމަޖެއްސި އިރު، 19 އަހަރުން ދަށުގެ ކޯޗަކަށް ވެސް ހަމަޖެއްސާފައި ވަނީ ސާންތީ ކަމަށެވެ. އަދި ދެ އުމުރު ފުރާގެ ކޯޗް ކަން ސާންތީއާ ހަވާލު ކުރީ، ގައުމީ ޓީމް ތަކުގެ ތިން އުމުރު ފުރައަކަށް ކޯޗުން ހަމަޖެއްސުމަށް އެފްއޭއެމް އިން މީގެ ކުރިން ކުރި އިއުލާންގެ މުއްދަތު ހަމަވި އިރު، ނަން ހުށަހަޅާފައިވާ ދެ ކޯޗުންގެ ތެރޭގައި ސާންތީ ހިމެނިފައި ވާތީވެ ކަމަށެވެ.

ސާދަ އަހަރުން ދަށުގެ ކޯޗަކަށް ސާންތީ ހަމަޖެއްސި އިރު، ކުރިއަށް އޮތް އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ފަޅީގެ މެޗްތައް ނޭޕާލް ގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މެޗްތައް ކުޅޭ ތާރީހް އަދި މުޅިން ފައިނަލް ކޮށްފައެއް ނުވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވާ މިމުބާރާތުގެ ކޮލިފައިންގައި 46 ގައުމަކުން ވާދަކުރާ އިރު، ގައުމުތައް ވަނީ އަށް ގްރޫޕަކަށް ބަހާލައިފަ އެވެ. އެގޮތުން ގައުމުތައް އަށް ގްރޫޕަށް ބަހާލައިފައި ވަނީ ހަތަރު ޒޯނަށް ބަހާލުމަށް ފަހު އެވެ. އަދި މުބާރާތަށް ކޮލިފައި ވާނީ ކޮންމެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ކުރި ހޯދާ ޓީމެވެ.

ސާދަ އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ހެޑް ކޯޗަކަށް ސާންތީ ހަމަޖައްސާފައި ވާއިރު، އެނާ ވަނީ މީގެ ކުރީން 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކޮސްފައެވެ. އަދި މެދުނުކެނޑި އަށް އަހަރު ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ސާންތީ ވަނީ ކޮށްފައެވެ.