Last Updated:
1 decade 3 year ago

ރައީސަށް ސެކިއުރިޓީ ދޭ ހަށިފާރަވެރިން މެމްބަރުނަށް ސެކިއުރިޓީ ދޭން ފަށައިފި

    ބުލޮގު ޚުލާސާ
    ރައީސުލްޖުމްހޫރިއްޔާ އާއި އުންތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ސެކިއުރިޓީ ދެމުންދާ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ހަށިފާރަވެރިން މަޖިލީހުގެ މެންބަރުންނަށް ސެކިއުރިޓީ ދޭން ފަށައިފި އެވެ.

    އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ މި އަހަރުން ފެށިގެން މަޖިލީހުގެ މެންބަރުންނަށް ދެން ސެކިއުރިޓީ ދެމުންދާނީ ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ އެމްއެންޑީއެފްގެ އެސްޕީޖީ ގްރޫޕުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު ތިއްބެވި މެންބަރުން އެދިވަޑައިގެންނެވިހާ އަވަހަކަށް އެކަން ފަހި ކޮށްދެއްވާނެ ކަމަށެވެ.

    ނަމަވެސް މިހާތަނަށް އެސްޕީޖީގެ ސެކިއުރިޓީ އަށް އެދިފައި ވަނީ ކިތައް މެންބަރުން ކަމެއް އަބްދުއްރަހީމް ވިދާޅެއްނުވެ އެވެ.

    ގާނޫނު އަސާސީގެ 105 ވަނަ މާއްދާ (ށ)ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ.

    އެމްއެންޑީއެފްގެ 178 ސިފައިންގެ މައްޗަށް އެކުލެވޭ އެސްޕީޖީގެ ބައެއް ބޮޑީގާޑުން ތަމްރީނު ހޯދާފައި ވަނީ ރާއްޖެ އިން ބޭރުންނެވެ. އަދި ކަމާ ބެހޭ މާހިރުން ރާއްޖެ އަށް ގެނެސްގެން ވެސް ތަމްރީނުތަކެއް ހޯދާފައިވެ އެވެ.

    އެސްޕީޖީ ބޮޑީގާޑުންގެ ހިދުމަތް މިހާރު ދެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށާއި ވަޒީރުންނަށެވެ. އޭގެ އިތުރުން ކުރީގެ ރައީސްކަން ކުރައްވާފައިވާ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ވެސް އެސްޕީޖީ ގްރޫޕުން ސެކިއުރިޓީ ދެ އެވެ.

    އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ރާއްޖެ ވަޑައިގެންނެވި ވެރިންނަށް ވެސް ރައްކާތެރިކަން ދީފައި ވަނީ އެމްއެންޑީއެފްގެ އެސްޕީޖީ ބޮޑީގާޑުންނެވެ.