02 Jan 2013, 13:22
މާލޭ ދެ ނަމްބަރު ކުނިކޮށީގައި ކުނި ހުސްކުރުމަށް ބޭނުންކުރާ މެޝިނެރީޒްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ ކުނި ނޭޅޭ ގޮތަށް ދެ ނަމްބަރު ކުނިކޮށި އަނެއްކާ ވެސް ބަންދުކޮށްފި އެވެ.
މާލޭ ސިޓި ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ކުނިކޮށީގައި ބޭނުންކުރަމުންދާ މެޝިނެރީޒްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން ކުނިކޮށި ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބުނީ ވަގުތީ ގޮތުން ކުނިކޮށި ބަންދުކޮށްފައި ވަނީ ގިނަ އަދަދެއްގެ ކުނި ހިފައިގެންދާ ފަރާތްތަކަށް ކަމަށާއި ނަމަވެސް ގޭގެއިން ގެންދާ މަދު ކުނި މިހާރު ވެސް އެ ކުނިކޮޓަށް އެޅޭނެ ކަމަށެވެ. އަދި ބުނީ ގިނަ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލައިސެންސް ނަގާ ސަރަހައްދުގައި އޮތް ބާޖަކުން ލިބޭނެ ކަމަށެވެ.
"އަލުގަނޑުމެންގެ ހުރިހާ އިކުއިޕްމެންޓެއް ހަލާކުވުމުން ކުނިއެޅުމަށް މިހާރު ނިންމާފައި ވަނީ ބާޖަށް. އެކަމަކު އަތުން ހިފައިގެންދާ ވަރުގެ ކުނި ދެ ނަމްބަރު ކުނިކޮޓަށް އެޅޭނެ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މެޝިނެރީޒް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މައްސަލަތައް ހައްލުކޮށް ކުނިކޮށި ހުޅުވާލެވޭނެ ކަމަށެވެ.
ކުނިކޮށި ވަގުތީ ގޮތުން މިހާރު ބަންދުކޮށްފައިވާ އިރު މިދިޔަ މަހުގައި ކުނިކޮށި ފުރިގެން އެންވައިރޮމެންޓް މިނިސްޓްރީ އިން ވަނީ ކުނިކޮށި ސާފްކުރުމަށް އެމްޓީސީސީ އާ 10 ދުވަހަށް ހަވާލުކޮށްފަ އެވެ. ނަމަވެސް އެމްޓީސީސީ އިން މަސައްކަތް ފަށަން ދިޔަ އިރު ސިޓީ ކައުންސިލް މެމްބަރުން ވަނީ ކުނިކޮށި ސާފްކޮށް އެމަސައްކަތް ނިންމާލައިފަ އެވެ.