02 Jan 2013, 13:17
ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި އެމްއެންޑީއެފްގެ ޔުނީފޯމްތަކަކާ އެކު އާންމު ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގެ ހުޅުދޫ ގެއެއްގައި ތިއްބައި އެ ކުދިން ހައްޔަރުކޮށް، އެގެ ބަލައި ފާސްކުރި އިރު އެގޭތެރެ އިން އެމްއެންޑީއެފްގެ ދެ ޔުނީފޯމްގެ އިތުރުން ކެޑޭޓް ޔުނީފޯމެއް ފެނިފައިވާ ކަމަށެވެ.
އަދި ބުނީ އާ އަހަރު ފެށުމާ މުނާސަބަތުކޮށް ސަލާމަތީ ބާރުތަކުން ހިންގި އެ އޮޕަރޭޝަނުގައި 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެ މީހުންގެ ތެރެއިން 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އައްޑޫ ސިޓީ ހިތަދޫން ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫން ތަފާތު ކުށްތައް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ބުނީ އެ ތަނުން އެކަކީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގާއުކުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަދު ވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގައިވާ މީހެއް ކަމަށެވެ.
"އައްޑޫ ސިޓީ މަރަދޫ ފޭދޫއާއި ފޭދޫ ހިމެނޭ ސަރަހައްދުގައި ހިމެނޭ ތިން ފަޅުރަށެއްގައި ބަނގުރާ ގެންގުޅެ ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި މާރާމާރީ ހިންގުމަށް ޓަކައި ގްރޫޕްތައް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ރަށްތައް ބަލައިފާސްކޮށްފައި. އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ހިމެނޭ ސަރަހައްދުގައި ހިމެނޭ ތިން ފަޅު ރަށެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ބަނގުރާ ގެންގުޅެމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތުތަކަކާ ގުޅިގެން އައްޑޫ ސިޓީގެ ބައެއް ގޭގެ ވެސް ބަލައި ފާސްކޮށްފައިވެ އެވެ." ފުލުހުން ބުންޏެވެ.
އަދި ބުނީ އެ އޮޕަރޭޝަނުގައި އައްޑޫ ސިޓީ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ގުރޫޕް ހަދައިގެން އުޅޭ މީހުންނާ ބޭނުމެއް ނެތި ދަންވަރު ބޭރުގައި އުޅުނު ފަރާތްތަކާ ސުވާލުކޮށް ހަދާފައިވާ ކަމަށާއި އަދި މަސްތުވާތަކެއްޗާއި މާރާމާރީ ފަދަ ކުށްތަކަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަންތަކަކާއި ބަނގުރާ ކައްކަން ބޭނުން ކުރާ ގިނަ ޢަދަދެއްގެ ސާމާނުތަކެއް ހޯދާފައިވާ އިރު އޭގެ އިތުރުން މާރާމާރީ ހިންގުމަށް ބޭނުން ކުރާ ސަމާނުތަކެއް ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ.