02 Jan 2013, 13:13
ޖީއެމްއާރާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ އިތުރު ދެ މައްސަލައެއް ދެން މާގިނަ ދުވަސްތަކެއް ނުވެ ނިމޭނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެއާޕޯޓުން ނަގަން މަސައްކަތް ކުރި 27 ޑޮލަރު ސަރުކާރަށް ދައްކާ ފައިސާ އިން އުނިކުރި މައްސަލައިގައި އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގު ވަނީ މިދިޔަ ހަފްތާ ތެރޭ ނިންމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވައިފަ އެވެ. އޭސީސީން ޖީއެމްއާރުގެ މައްސަލައިގައި ބަލަމުން އަންނަނީ ފިއުލް ކޮންސެޝަން މާފްކޮށްދިން މައްސަލަ އަދި އެއާޕޯޓް ޖީއެމްއާރަށް އެވޯޑް ކުރި މައްސަލަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ޖީއެމްއާރުން ސަރުކާރަށް ދައްކާ ފިއުލް ކޮންސެޝަންއަށް ލުއިތަކެއް ދިން މައްސަލަ ނުނިމި ލަސް ވަނީ އެ މައްސަލައާ ގުޅުން ހުރި ފަރާތެއް ރާއްޖޭން ބޭރުގައި އުޅޭތީ އެ ފަރާތުގެ ބަޔާން އަދި ތަހުގީގަށް ލިބިފައި ނުވާތީ ކަމަށާއި އެ ބަޔާން ލިބުނުހާ އަވަހަކަށް ތަހުގީގު ފުރިހަމަވާނެ ކަމަށެވެ.
"އެ ފަރާތުގެ ބަޔާން ފޯނުން ނަމަވެސް ނެގޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެފަރާތުން ވިދާޅުވަނީ އަދި ދުވަސްކޮޅެއް ވާނެ ކަމަށް ރާއްޖެ އަންނަން. އެހެންވީމާ އެކަމުގައި ލިބެން ޖެހޭ މުހިންމު ފަރާތެއްގެ ބަޔާން ނުލިބިވާތީ އެ މައްސަލަ އަދި ނުނިމެނީ. އެ ބަޔާން މިހާރު ފޯނުން ނަމަވެސް ނެގޭތޯ މިއުޅެނީ. އެބަޔާން ނެގުނީމާ އަޅުގަނޑުމެން އެ މަސައްކަތް ނިމޭނެ،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ޖީއެމްއާރާ އެ ވޯޑް ކުރި މައްސަލަ ނިމެން އަންނަނީ އެކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ކުރައްވާ ތަހުގީގު ނިމުމުން ކަމަށާއި އެ އޮޑިޓް މި މަސްތެރޭގައި ނިމޭނެ ކަމުގެ ސިގްނަލެއް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ތަހުގީގުތަކަކީ އޭގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ހެކި ހޯދަން ޖެހޭ ތަހުގީގުތަކެއް ކަމަށް ވުމުން އެކަމުގައި ވަގުތު ނަގާނެ ކަމަށެވެ.
"އެހެން ނޫނީ ކޯޓުގައި އެ މައްސަލަ ނުހިގާނެ. މީހެއްގެ މައްޗަށް ތުހުމަތެއް ކޮށް ޕީޖީއަށް ފޮނުވާއިރު އެކަމުގައި ބަޔާން ނަގައި ހެކިތައް ފެންނަން ހުރީމާ މައްސަލައެއް ކާމިޔާބުވާނީ. އެހެންވީމާ އެގޮތަށް ބަލައިގެން އަޅުގަނޑުމެންގެ ތަހުގީގުތައް ކުރިއަށް މިގެންދަނީ،" ލުތުފީ ވިދާޅުވި އެވެ.
އޭޑީސީގެ 27 ޑޮލަރުގެ މައްސަލައިގައި އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވާފައި ވަނީ ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުހަންމަދު ޝިހާބާއި އެމްއޭސީއެލްގެ ޗެއާމަނަކަށް ހުންނެވި ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭގެ) އަތުން ބަދަލުގައި 353.8 މިލިއަން ރުފިޔާ ހޯދުމަށެވެ.
އޭސީސީން އަންނަނީ ޖީއެމްއާރުގެ މައްސަލައިގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންނެވެ.