ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފޮޓޯ ނަގައިދީފައިވާ މީހެއްގެ ފޮޓޯތައް ދައްކުވައިދޭ އެގްޒެބިޝަނެއް ބޭއްވުމަށް ނިންމަފި އެވެ.

ތައި ވޯކުގައި މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގެ ފޮޓޯތައް ނަގާފައިވާ ޖަރުމަނުގެ ފޮޓޯ ގްރާފާއެއް ކަމަށްވާ މައިކަލް ފުރީޑެލް ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހަށް ނެޝަނަލް އާޓްގެލަރީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެ އެގްޒެބިޝަންގައި 1973 އިންފެށިގެން 1977 އަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ދައްކުވައިދޭ 58 ފޮޓޯ ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

"އަޅުގަނޑު މިތާ މަސައްކަތްކުރީ ބޭރުގެ ދުނިޔެ އަށް ރާއްޖެ އިޝްތިހާރުކޮށްދިނުމަށް. އަޅުގަނޑު ނަގާފައި ހުންނާނެ ރާއްޖޭގެ ރަށްރަށުގެ ފޮޓޯތަކާއި ޑައިވިންގެ ފޮޓޯތައް ވެސް،" މައިކަލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭނާ ނަގާފައިވާ ގިނަ ފޮޓޯތަކެއް ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ބޭރުގެ ބޮޑެތި މީޑިއާތަކުގައި ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އަލިއަޅުވާލައްވައި މައިކަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރާފައި ވަނީ ވަރަށް ހަލުވި މިނެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 13 އަށް ނެޝަނަލް އާޓް ގެލަރީގައި ބާއްވާ އެ ފޮޓޯ އެގްޒެބިޝަން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.

މައިކަލް ފުރީޑެލްގެ ފޮޓޯތައް ދައްކުވައިދޭ އެގްޒެބިޝަނެއް ބޭއްވުމަށް ނިންމާފައިވާ އިރު ރާއްޖޭގައި ޓޫރިޒަމް ފެށިގެން މިއަދާ ހަމަ އަށް އޭނާ ނަގާފައިވާ ގިނަ އަދަދެއްގެ ތާރީހީ ފޮޓޯތަކެއް އޭނާގެ އަތުގައި އެބަހުއްޓެވެ. އަދި އޭނާ މިއަދު ވަނީ އެ ފޮޓޯތައް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.