ނ.އަތޮޅުގައި ފުޓްބޯޅަ އަށް ހާއްސަ ކޮށްގެން ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން "ކޭވައިއެމް ޔޫތު އެކަޑަމީ"ގެ ނަމުގައި އެކަޑަމީއެއް އުފައްދައިފި އެވެ.

ކޭވައިއެމް އިން 2012 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދެ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ކޭވައިއެމް އެވޯޑް ނައިޓްގެ ތެރެއިން އިފްތިތާހުކުރި ކޭވައިއެމް ޔޫތު އެކަޑަމީ އިފްތިތާހު ކޮށްދެއްވީ ކުޑަފަރީގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ހޭދަތައް ކުރައްވަމުންގެންދަވާ ސަންޓްރަވަލްސް ގެ ޕާޗޭސިން ލޮޖިސްޓިކް އެންޑް ޓްރާސްޕޯޓް ޑައިރެކްޓަރު އަލީ މައުރޫފް އެވެ.

ކޭވައިއެމް ޔޫތު އެކަޑަމީ އިފްތިތާހުކުރުމަށްފަހު ޔޫތު އެކަޑަމީގެ ޖޯޒީ ވަނީ ދައްކާލާފަ އެވެ. އެކަޑަމީގެ ޖާޒީ ދައްކާލުމުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ޑިފެންޑާ ސަމްދޫހު މުހައްމަދު އާއި ވީބީ ސްޕޯޓްސް ގެ ޑިފެންޑާ ފައިރޫޒް އާދަމް ވަނީ ބައިވެރިވެފަ އެވެ.

ކޭވައިއެމް ޔޫތު އެކަޑެމީ އިފްތިތާހު ކުރުމަށްފަހު ސަރަފްވެރި މެހެމާން އަލީ މައުރޫފް ވަނީ ސްރީލަންކާ ގައި އެންމެ ފަހުން ބޭއްވި ފުޓްބޯޅަ މުބާރާތުގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން 23 އަހަރުންދަށުގެ ގައުމީ ޓީމް ހިމެނޭ ކުޑަފަރިއަށް އުފަން، ސަމްދޫހު މުހައްމަދު މުބާރާތުގައި ބޭނުންކުރި ޖޯޒީ 10،000 ރުފިޔާ އަށް ގަތުމަށްފަހު ކުޑަފަރި ރައްޔިތުންނަށް ޖޯޒީ ހަދިޔާ ކުރައްވާފަ އެވެ. އަދި ޖޯޒީ އަށް ލިބުނު ފައިސާ ސަމްދޫހު މުހައްމަދު ވަނީ އިފްތިތާހު ކުރެވުނު ކޭ.ވައި.އެމް ޔޫތު އެކަޑަމީ އަށް ހަދިޔާ ކުރަށްވާފަ އެވެ.

ކުޑަފަރީގެ އުފެއްދި "ކޭވައިއެމް ޔޫތު އެކަޑަމީގެ" މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ފަހުކޮޅު އެވެ. އަދި ކުޑަފަރީގައި އުފެއްދި "ޔޫތު އެކަޑަމީ" ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ 23 އަހަރުންދަށުގެ ގައުމީޓީމް، މާޒިޔާގެ ޑިފެންޑާ ސަމްދޫހު މުހައްމަދު އާއި ވީބީ ސްޕޯޓްސް ގެ ޑިފެންޑާ ފައިރޫޒް އާދަމް އާއި ގައުމީ ޓީމްގެ ކުޅުންތެރިޔާ އަކުރަމް އަބްދުލްގަނީ އެވެ. އަދި ކޮންމެ އަހަރަކުވެސް ޔޫތު އެކަޑަމީގެ ފަރާތުން ކުޑަފަރީގައި އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ފުޓްބޯޅަ ފެސްޓިވަލް އެއް ބޭއްވުމަށް ރާވާފައިވާ ކަމަށްވެސް ކޭވައިއެމް އިން މައުލޫމާތު ދެއެވެ.