ބަނޑަށް ފަސް މަހުގައި އައިޖީއެމްއެޗްގައި ވިއްސި ކުއްޖާ މަރުވި ކަމަށް ހީކޮށް، އާ ސަހަރާ އަށް ގެންދިޔަ ފަހުން މަރުނުވާކަން އެނގިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ ކުއްޖާގެ މަރު ރޭގެ ވަގުތެއްގައި ކަށުވަރުވެ ވަޅުލައިފި އެވެ.

މަރުވި ފަސް މަހުގެ ތުއްތު ކުއްޖާގެ ބައްޕަ ގއ. ވިލިނގިލި ކޯޒީ ވިލާ، މުޖީބު އަންވަރު މިއަދު ސަންއޮންލައިންނަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާ މަރުވި ކަމަށް އައިޖީއެމްއެޗުން ދެވަނަ ފަހަރަށް ބުނީ ރޭ ގާތްގަނޑަކަށް 7:20 ކަންހާއިރު ކަމަށާއި ރޭ ގާތްގަނޑަކަށް 10:40 އެހާކަންހާ އިރު އާ ސަހަރާގައި އެ ކުއްޖާ ވަޅުލާފައިވާ ކަމަށެވެ.

މުޖީބު ބުނީ އޭނާގެ ދަރިފުޅު ދިރިހުންނާނެ ކަމުގެ އުންމީދު އޭނާ ބެއްލެވި ހުރިހާ ޑޮކްޓަރުން ކަނޑާލާފައިވާ ކަމަށާއި އަދި މަރުނުވަނީސް މަރުވި ކަމަށް އައިޖީއެމްއެޗުން ބުނި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކަމާ ބެހޭ ރިޕޯޓެއް ހުށަހަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ނާށިގަނޑު ނެތީމާ ދުނިޔެ އަށް އުފަން ވިޔަސް މަރުވާނެ ކަމަށް ޑޮކްޓަރުން ކުރިން ވެސް ވަނީ. އެގޮތަށް އެކަންތައް ހަމަވީ،" މުޖީބު ބުންޏެވެ.

ގދ. ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް މިމަހުގެ 26 ވަނަ ދުވަހު އެ ތުއްތު ކުއްޖާގެ މަންމަ ދެއްކުމުން، ބަނޑުގައި އޮތް ދަރިފުޅުގެ ބޮލުގެ ނާށިގަނޑެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނުމާ ގުޅިގެން އޭނާ ވަނީ އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭ އިން ފަރުވާދީފަ އެވެ. ނަމަވެސް އޭޑީކޭގައި އެކަށީގެންވާ ވަސީލަތްތައް ނެތިގެން މި މަހުގެ 30 ވަނަ ދުވަހު އައިޖީއެމްއެޗަށް ބަދަލުކޮށް އެ ކުއްޖާ ވަނީ ފަސް މަހުގައި ވިއްސައިފަ އެވެ.

މުޖީބު ބުނީ އައިޖީއެމްއެޗްގައި ވިހެއި އެ ދަރިފުޅުގެ ބޮޑުމިނަކީ އަތްތިލައެއް ވަރު ކަމަށާއި ބަރުދަނުގައި ހުރީ ގާތްގަނޑަކަށް 200 ގްރާމް ކަމަށެވެ. އަދި ދަރިފުޅު ވިހޭތާ ގަޑިއެއްހާއިރު ތެރޭގައި މަރުވި ކަމަށް ބުނެގެން ސަހަރާއަށް ގެންގޮސް، ކަށުކަމާކެމީގެ ކަންތައްތައް ކުރުމަށް ތައްޔާރުވެފައިވަނިކޮށް ދަރިފުޅު ނޭވާލާކަން އެނގުނީ އާއިލާގެ މީހުން މޫނު ބަލަން ފޮތިގަނޑު ހިއްލާލި ވަގުތު ކަމަށެވެ.

"މަރުވި ކަމަށް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ބުނުމުން، އެދުވަހުގެ އަސުރު ނަމާދަށް ފަހުން ވަޅުލާ ގޮތަށް އޮތީ. އާއިލާގެ މީހުން މޫނު ބަލާލަން ވެގެން ފޮތިގަނޑު ނަގައި ބެލިއިރު ނޭވާލަނީ. އޭރު ވިންދު ވެސް ހުރި، ދެން އެވަގުތު އެތަނުގައި އައިޖީއެމްއެޗްގެ ބަސް ވެސް އޮތީމާ އަވަހަށް ޖަމާތްތެރިންގެ އަތްމަތީގައި ބާއްވައިގެން ގެނެސް އައިސީޔޫގައި ފަރުވާދޭން ފެށީ،" އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އައިޖީއެމްއެޗްގައި ވިހެއި ކުއްޖާއާ މެދު އެހޮސްޕިޓަލުން ހިއުމާލުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ އިރު އެ މައްސަލަ އައިޖީއެމްއެޗުން ވެސް ގެންދަނީ ބަލަމުންނެވެ.