02 Jan 2013, 11:28
ގަވާއިދާއި ޚިލާފަށް ލަންކާ އަށް އެތެރެ ކުރި 12 ސިނގިރޭޓެއްގެ މައްސަލައިގާ ސްރީލަންކާގައި ކިޔަވަން ހުންނަ ދިވެހި އަންހެން ކުއްޖަކު 5000 ރުޕީސް (665ރ.) އިން ޖޫރިމަނާ ކުރަން ކޮލަމްބޯ ކޯޓެއްގައި ހުކުމް ކޮށްފި އެވެ.
ސްރީލަންކާގެ ޑެއިލީ މިރާގައި ލިޔެފައި ވަނީ ރާއްޖޭގެ އެ އަންހެން ކުއްޖާ ކޮއްލަޕިޓިޔާގެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެ ގައުމަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ 12 ސިނގިރޭޓާ އެކުގައި ކޮލަމްބޯ ތްރީގެ ޝޮޕިން މޯލްއެއްގެ ކައިރިން ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އެ ކުއްޖާ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކަނިޝްކާ ވިޖޭރަތްނޭގެ ކުރިމައްޗަށް ހާޒިރު ކުރުމުން އެ ކުއްޖާގެ ދިފާއީ ވަކީލު ސުދަރުޝަނީ ގުނަރަތުނޭ ކޯޓުގައި ބުނެފައި ވަނީ ފުލުހުން އެ މައްސަލައިގާ އޭނާގެ މުވައްކިލުގެ އަތުން އަތުލާފައިވާ 12 ސިނގިރޭޓަކީ އޭނާގެ މުވައްކިލް އަމިއްލަ ބޭނުމަށް އޭނާގެ ދަބަހުގައި ބަހައްޓާފައި ހުރި އެއްޗެއް ކަމަށެވެ.
ލަންކާ އަށް ބައެއް ބްރޭންޑްތަކުގެ ސިގިރޭޓް އެތެރެ ކުރުމަކީ މަނާކަމެކެވެ.
ޝްރީލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު ކިޔެވުމަށާއި ބޭސްފަރުވާ ކުރުމަށް އަދި މަތީ ތައުލީމު ހާސިލްކުރުމަށް ޒިޔާރަތްކުރާ ގައުމެކެވެ. އާއިލާއާ އެކު ލަންކާ އަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ދިވެހި އާއިލާތައް ވެސް ގިނަ އެވެ.