29 Sep 2010, 04:18
ރާއްޖޭގެ ޖަލުތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށާއި ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން އެކަހެރިކޮށް ކެޓަގަރައިޒްކޮށްފައި ބައިތިއްބުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދިވެހި ސަރުކާރަށް ލަފާ ދީފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ޒިޔާރަތްކޮށް ޖަލުތައް ބެލި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ޓީމުން ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި މިހާރު ވެސް ރަނގަޅަށް ހުރި ކަންކަން އެ ގޮތުގައި ދެމެހެއްޓުމަށް އެދިފައިވާ ކަމަށެވެ. ޒުހައިރު ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓުން މައިގަނޑު ހަ ކަމެއް ޖަލުތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
"އެ ޓީމު ޖަލުތައް ބެލުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކޮށް މަޝްވަރާކޮށް ކަންތައްތަކެއް ކިޔައިދީ ކަންތައްތަކެއް ވަނީ ހުށަހަޅާފައި. ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ޖަލުތަކުގައި ރަނގަޅަށް ހުރި ކަންކަން ވެސް ހިމެނޭ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ސިޔާސީ ނުފޫޒު ޖަލުތަކަށް ވަނަ ނުދިނުމަށާއި މިހާރު ތިބި ގައިދީންގެ ތެރޭގައި ހިމެނޭ ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ކެޓަގަރައިޒްކޮށް އެކަހަރި ކުރުމަށް ލަފާ ދިނުމުގެ އިތުރުން އިންސާނީ ހައްގުތަކުގެ އުސޫލުތައް ޖަލުގައި ހުރީ އެންމެ އެކަށީގެންވާ ގޮތުގައި ކަމަށް ބުނެފައިވާ ކަމަށެވެ.
"ހިއުމަން ރައިޓްސް އާއި ޖަލުތަކުގެ ހައިޖީން ފަދަ ކަންތައްތައް ރަނގަޅު ކަމަށް ވަނީ ފާހަގަ ކޮށްފައި."
ޒުހައިރު ވިދާޅުވީ ރަނގަޅު ފެންވަރަކަށް ޓްރޭންވެފައި ތިބި މީހުން ޖަލު ބެލެހެއްޓުމުގައި ތިބި ކަމަށާއި ޖަލު ހިންގުމުގެ ނިޒާމާއި ސްޓާފް ޓްރޭނިން ވެސް ރަނަގަޅު ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަންކަން ވަރުގަދަކޮށް ހަރުދަނާ ކުރުމަށް އެދިފައިވާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ސިޔާސީ ނުފޫޒު ޖަލުތަކަށް އެއްވެސް ވަރަކަށް ވަނަ ނުދިނުމަށާއި ދީނީ ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ކްލެސިފައިކުރަން ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓީމެއް ފޮނުވައި ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލީ ރާއްޖެއިން އެދިގެން ނޫން ކަމަށާއި ނަމަވެސް އެއީ ދެ ސަރުކާރުގެ މެދުގައި އޮންނަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބައިގެ ތެރެއިން އެމެރިކާއިން އިސް ނަގައިގެން ކުރި ކަމެއް ކަމަށެވެ.
ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ވަކި ކުރުމާއި ސިޔާސީ ނުފޫޒު ޖަލުތަކުގެ ތެރެއަށް ވަނަ ނުދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ކުރިން ގޮވާލައިފައެވެ.