02 Jan 2013, 10:46
އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަދުވަހު ވިގަން އެތްލެޓިކު ކޮޅަށް ހަތަރު ލަނޑު ވައްދާލައިގެން މެންޗެސްޓާ ޔުނައިޑެޓް މެޗް ކާމިޔާބު ކުރިއިރު މެންޗެސްޓާ ސިޓީ ވަނީ ތިނެއް ސުމަކުން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ. އާއަހަރު އާސެނަލް ފެށީ ޑްރޯ އަކާ އެކީގަ އެވެ.
އާއަހަރުގެ ފުރަތަމަ ދުވަހު ވިގަންގެ ދަނޑުގައި ޔުނައިޓެޑަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމުގެ މެކްސިކަން ސްޓްރައިކާ ހާވިއާ ހެނާންޑޭޒް ދެ ލަނޑާއި އަދި ޑަޗް ފޯވަޑް ރޮބިން ވެމްޕާސީ އެވެ. ޔުނައިޓެޑްގެ މި މޮޅާ އެކު އެޓީމު ތާވަލުގެ ކުރީގައި އޮވެ ދަމަހައްޓަމުން އައި ހަތްޕޮއިންޓުގެ ލީޑު މިވަނީ ވަރުގަދަ ވެފައެވެ.
މެޗަށް ފަހު ޓީމުގެ ކުޅުމާއި ލަނޑު ޖަހައިދިން ކުޅުންތެރިންނާއި ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނީ "އެކުދިންނަކީ ލަނޑު ޖަހާ ކުޅުންތެރިން" ކަމަށާއި "ވިގަން އަތުން ބޮޑުތަފާތަކުން މޮޅުވުމުން ހިތްހަމަ ޖެހޭ،" ކަމަށެވެ. އަދި "ވެމްޕާސީ ޔުނައިޓެޑަށް ގެނައި ބޭނުން އެންމެ ފުރިހަމަގޮތުގައި ދަނީ ހިފެމުން" ކަމަށްވެސް ފާގަސަން ބުންޏެވެ.
މެންޗެސްޓާ ސިޓީ ސްޓޯކް ސިޓީއާ ބައްދަލުކުރި މެޗުގައި ސިޓީގެ ތިން ލަނޑު ކާމިޔާބު ކޮށްދިނީ، ޕަބްލޯ ޒަބަލޭޓާ، އެޑިން ޒެކޯ އަދި ޕެންލްޓީއަކުން ސަޖިއޯ އަގުއެރޯ އެވެ.
ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ "ސަންޑަލޭންޑާއި ނޯވިޗް ސިޓީއާދެކޮޅަށް ކުޅުނު މެޗު ގޮތަށް މިއަދުގެ މެޗުގައިވެސް ސިޓީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި،" ކަމަށެވެ. އަދި "މިހާރު ލީގުގައި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް މުހިއްމު ބައިކޮޅަށް ގޯލެއް ނުވަދެ އިދިކޮޅުޓީމު ބަލިކުރުން" ސިޓީގެ ކޯޗް އިތުރަށް ކިޔައި ދިނެވެ.
އާސެނަލްގެ ކޯޗު އާސީން ވެންގާ އާ އަހަރަށް މަރުހަބާ ކިޔާފައި މިވަނީ އުފާވެރިކަމާ އެކީގައެއް ނޫނެވެ. ސައުތުހޭމްޕްޓަން އާ ދެކޮޅަށް ކުޅެ އެކެއް އެކަކުން އެއްވަރުވި މެޗުގައި އެޓީމު ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
އާސެނަލް ކޮޅަށް ސައުތުހޭމްޕްޓަންގެ ގަސްޓަން ރަމިރޭޒް ލަނޑެއް ޖަހާފައި ވަނިކޮށް އާސެނަލް އަށް މެޗުގައި އެއްވަރު ގޯލް ވަނީ ސައުތުހޭމްޕްޓަންގެ ގުލީ ޑޮ ޕްރާޑޯ ގެ އަތުން ބައިކޮޅަށެވެ.
އިނގިރޭސި ލީގުގައި އިއްޔެ އިތުރަށް ކުޅުނު މެޗުތަކުން ޓޮޓްންހަމް ވަނީ ރެޑިންއާ ވާދަކޮށް ތިނެއް އެކަކުން މޮޅުވެފަ އެވެ. އަދި ވެސްޓްހޭމް ނޯވިޗް އަތުން ދޭއް އެކަކުން މޮޅުވި އިރު ވެސްޓްބްރޮމް އަތުން ފުލަމްވެސް މޮޅުވީ ދޭއް އެކަކުން ނެވެ. އަދި ސުވަންޒީ އާއި އެސްޓަން ވިލާ ވަނީ ދޭއް ދޭކުން އެއްވަރު ވެފައެވެ.
ޕްރިމިއާ ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި: ޗެލްސީ - ކިޔުޕީއާރު، ލިވަޕޫލް - ސަންޑަލޭންޑް އަދި ނިއުކާސަލް - އެވަޓަންގެ މެޗު ހިމެނެ އެވެ.