02 Jan 2013, 10:01
މިހިނގާ ޖެނުއަރީ ޓްރާންސްފާގައި އޭސީ މިލާންގެ ފޯވާޑް އެލެކްސެންޑާ ޕަޓޯ، ބްރެޒިލްގެ ކޮރިންތިއަންސްއާ ގުޅުމަށް ނިންމާފައިވާ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.
މިދިޔަ ސީޒަނުން ފެށިގެން ޕަޓޯ އަށް ވަނީ މިލާން އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. ސަބަބަކަށް ވެފައި ވަނީ އޭނާ އަށް ކުރިމަތިވަމުންދާ އަނިޔާތަކެވެ. މިސީޒަންގައި ވެސް ޕަޓޯ އަށް އަނިޔާއެއް ކުރިމަތިވެފައިވެ އެވެ.
"ކޮރިންތިއަންސް އާއި ގުޅެން ޕަޓޯ ނިންމައިފި. ބްރެޒިލްއަށް އެނބުރި ދާއިރު، ޕަޓޯ ނިންމީ ކޮރިންތިއަސް އާއި ގުޅެން. ޕަޓޯ ބޭނުންވީ އެހެން ކްލަބެއްގެ އަޖުމަ ބަލައިލަން. އެގޮތުން އޭނާ ހިޔާރުކުރީ ކޮރިންތިއަންސް. ކޮރިންތިއަންސް އިން ވަނީ ޕަޓޯ އަށް ވަރަށް ރަނގަޅު މަރުހަބާއެއް ކިޔާފައި." ޕަޓޯގެ އެޖެންޓް ބުންޏެވެ.
ޕަޓޯގެ އިތުރުން ބްރެޒިލް ފޯވާޑް ރޮބީނިއޯ ވެސް މިލާން ދޫކޮށް ދާން ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް ރޮބީނިއޯ ދާނެ ވަކި ކްލަބެއް ހާމަކޮށްފައެއް ނުވެއެވެ. ރޮބީނިއޯގެ ކުރީގެ ކްލަބް ސަންތޯސް އިން އޭނާ ހޯދުމަށް މަސައްކަތްކުރަމުން ދާކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ.