02 Jan 2013, 09:52
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން 15 ރަށެއް ވަރަށް ބޮޑަށް ގިރައި ތިން ރަށެއްގެ މީހުން އެހެން ރަށްތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަން ހާމަވެއްޖެ އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން މިދިޔަ ބުރާސްފަތި ދުވަހު އަޕްޑޭޓް ކޮށްފައިވާ "ރާއްޖޭގެ ތަފާސްހިސާބު ފޮތުން" ދައްކާ ގޮތުގައި 2011 ވަނަ އަހަރު ނިމުނު އިރު މީހުން ދިރިއުޅެމުން އައި 191 ރަށުގެ ތެރެއިން 15 ރަށަކަށް ރަށް ގިރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ހއ. ހަތިފުށީ މީހުން ހދ. ހަނިމާދުއަށް ލ. ކަޅައިދޫ މީހުން ވަނީ އެ އަތޮޅު ގަމަށް ބަދަލުކޮށްފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލަ ސީރިއަސްވެ ގއ. ދިޔަދޫ މީހުން ގއ. ގެމަނަފުއްޓަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ރާއްޖޭގައި 20 އަތޮޅު އޮތް އިރު އެންމެ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި ވަނީ ބ. އަތޮޅަށެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮތް އިރު ނުރައްކާތެރި ދަރަޖައަކަށް ރަށް ގިރުމުގެ މައްސަލަ ވަނީ ތިން ރަށަކަށް ކުރިމަތިވެފަ އެވެ. ދެން އެންމެ ބޮޑަށް ރަށް ގިރުމުގެ މައްސަލައާ ކުރިމަތިލާން ޖެހުނީ ހއ. ގެ ރަށްތަކާއި މ. އަތޮޅުގެ ރަށްތަކެވެ. ހއ. އަތޮޅުގެ ދެ ރަށަކަށް އެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އިރު މ. އަތޮޅުގެ ދެ ރަށަކަށް ވެސް އެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އެހެން އަތޮޅުތަކުގެ ތެރޭގައި ހދ. އާއި ނ. އާއި ޅ. އަތޮޅާއި އއ. އަތޮޅާއި ވ. މ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ވެސް ވަނީ ރަށްގިރުމުގެ ނުރައްކަލާ ކުރިމަތިވެފަ އެވެ.
ރާއްޖޭގެ ރަށްތަކުގެ އުސްމިން ކަނޑުގެ ލޮނުގަނޑަށް ވުރެ 1.5 މީޓަރު އުހުގައި ހުންނައިރު ރާއްޖެއަކީ ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުގެތަކުގެ ލިސްޓްގެ ކުރީގައިވާ ގައުމެކެވެ. މިއަހަރު ތެރޭގައި ވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ، ހޮޅުދޫގެ ދެ ގެއެއްގައި މީހުންނަށް ނޫޅެވޭ ވަރުގެ އެހެން ގެތަކަށް ބަދަލުކުރަންޖެހުނެވެ. އެ ދެގެ މިހާރު ހުރީ މޫދުގަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވެ އެވެ.