02 Jan 2013, 09:34
އިސްލާމްއާބާދު (ޖަނަވަރީ 01): ޕާކިސްތާނުގެ ރަށްފުށުގެ ސަރަޙައްދުތަކުގެ ފަގީރުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުން ދިޔަ ހަތް މީހަކު، ގޮތް ނޭނގޭ ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި މަރުވެއްޖެ އެވެ.
އެ ހަތް މީހުންގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރަކާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ހަ އަންހެނުންނެވެ. އެ ހަތް މީހުން ވެސް ނިސްބަތްވަނީ އޮޖަލާ ނަމަކަށްކިޔާ ޗެރިޓީ ޖަމާއަތަކަށެވެ. ޕާކިސްތާން ފުލުހުން ބުނިގޮތުގައި މި ހަތް މީހުން މަރާލާފައި ވަނީ އެމީހުން ހިލޭސާބަހަށް މަސައްކަތްކުރަމުން ގެންދިޔަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި މަސައްކަތްކުރުމަށް ފަހު އެނބުރި އެމީހުން ދިރިއުޅޭ ތަނަށް އައުމުގެ މަގުމަތީގައި ހަތިޔާރުއެޅި ބަޔަކު ފިލައިތިބެ އެމީހުން ދަތުރުކުރި ވެހިކަލަށް ދިން ބަޑީގެ ޙަމަލާތަކެއްގަ އެވެ.
މިޙަމަލާތަކުގައި އެމީހުން ދަތުރުކުރި ވެހިކަލްގެ ޑްރައިވަރުވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފަ އެވެ. މިޖަރީމާ ހިންގާފައި ވަނީ އިސްލާމް އާބާދުގެ ހުޅަނގުން 75 ކިލޯމީޓަރު ދުރުގައިވާ ރައްފުށުގެ ހިސާބެއް ކަމަށްވާ ސުވާބީ ސަރަޙައްދުގައި ކަމަށާ މިއީ ޗެރިޓީ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ ފަރާތްތައް އެކަމާ ދުރަށް ދިޔުމަށް ހަރުކަށި ޚިޔާލުގެ ހަތިޔާރު އެޅި ބަޔަކު ދިން ވަރުގަދަ މެސެޖެއް ކަމަށް ބެލޭކަމަށް ސުވާބީ ފުލުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ޢަބްދުއްރަޝީދު ޚާން ވިދާޅުވި އެވެ.
ސުވާބީ ސަރަޙައްދުގައި ހުންނަ ޝާހް މަންސޫރު މެޑިކަލް ސެންޓަރުންވަނީ މަރާލެވުނު މި ހަތް މީހުންގެ ހަށިތައް އެމަރުކަޒަށް ގެނެސްފައިވާކަން ހާމަކޮށްފަ އެވެ. މިޖަރީމާގެ ފަހަތުގައިވާ ހަތިޔާއެޅި ފަރާތްތަކަކީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން އަދި އެނގިފައެއްނުވެ އެވެ. ނަމަވެސް މިޖަރީމާގެ ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ޕާކިސްތާނުގެ ތާލިބާނުންގެ މައްޗަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މިދިޔަ މަހު ޕާކިސްތާނުގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ދިނުމުގައި ޙަރަކާތްތެރިވި މެޑިކަލް ޓީމަކަށް ވެސް ހަތިޔާރުއެޅި ބަޔަކު ޙަމަލާދީ އެޓީމުގެ ނުވަ މީހަކު މަރާލާފައިވެ އެވެ. (ބީ.ބީސީ)