02 Jan 2013, 09:26
ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުންދާ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އަށް ފީފާ ބެލޮންޑިއޯ ލިބޭނެ ކަމަށް އުންމީދުކުރާކަމުގައި ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ވިސެންޓެ ޑެލް ބޮސްކޭ ބުނެފި އެވެ.
އިނިއެސްޓާ އަކީ ސްޕެއިން އަށް ޔޫރޯ 2012 ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކުޅުންތެރިޔާކަމާ މެދު ޝައްކެއް ނެތެވެ.
ފީފާ ބެލޮންޑިއޯ އެވޯޑް އިނިއެސްޓާއަކީ ހައްގުކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެގޮތުން އެކަން ގަބޫލުކުރާ އެކަކީ ކޯޗު ޑެލް ބޮސްކޭ އެވެ.
"އިނިއެސްޓާ އަށް ބެލޮންޑިއޯ އެވޯޑް ލިބޭނެކަމަށް އުންމީދުކުރަން. އޭނާ އަށް ގިނަ ވޯޓްތަކެއް ލިބޭނެހެން ހީވޭ." ޑެލް ބޮސްކޭ ބުންޏެވެ.
އިނިއެސްޓާ އަކީ ހަމައެކަނި ސްޕެއިންގެ ކާމިޔާބީގެ ފަހަތުގައިވާ ކުޅުންތެރިއެއް ނޫނެވެ. ބާސެލޯނާ އާއި އެ ކުލަބުގެ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިންމު ކުޅުންތެރިއަކީ އިނިއެސްޓާ އެވެ.
އިނިއެސްޓާއާ އެކު ބެލޮންޑިއޯ އަށް ވާދަކުރާ ދެކުޅުންތެރިންނަކީ ބާސާގެ ތަރި މެސީއާއި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިއެވޯޑް ލިބޭނެ ކުޅުންތެރިޔާ މިމަހު ހަތް ވަނަ ދުވަހު ސްވިޒަލޭންޑްގެ ޒިއުރިކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތުން އެނގިގެންދާނެ އެވެ.