02 Jan 2013, 09:08
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓްގެ ވެރިރަށް އަބިޖާންގައި އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި އެއްވުމެއްގައި މީހުން ފިތި ބާރުވެގެން 61 މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި ޙާދިސާއާ ގުޅިގެން އެގައުމުގައި ގައުމީ ހިތާމަ އިޢްލާންކޮށްފި އެވެ.
އައިވަރީ ކޯސްޓްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި މިހާދިސާއާ ގުޅިގެން ތިން ދުވަސްވަންދެން ގައުމީ ހިތާމަ އިޢްލާންކުރިކަން ބަޔާންކޮށްފައިވެ އެވެ. މި ތިންދުވަހުގައި އެ ގައުމުގެ ދިދަ ހުންނާނީ ބައިދަނޑީގަ އެވެ. އަބިޖާންގައި ބޭއްވި އެއްވުމެއްގައި މީހުން ފިތި ބާރުވެގެން 61 މީހަކު މަރުވެ 200 އަށް ވުރެ ގިނަމީހުން ޒަހަމްވި ޙާދިސާ ހިނގަންމެދުވެރިވި ސަބަބު މުޅިން ކަށަވަރުނުވާތީ މިކަމާބެހޭ ގޮތުން ތަފާތު ރިޕޯޓްތައް ނެރެފައިވެ އެވެ. މިޙާދިސާ ހިނގީ މިލާދީ އާ އަހަރުގެ މުނާސަބުގައި އަބިޖާންގެ ސްޓޭޑިޔަމެއްގެ ކައިރީގައި ބޭއްވި ހަވާއެރުވުމުގެ ކުޅިވަރު ބެލުމަށް އެއްވި އެތަށް ހާސްބަޔަކު ކުއްލިއަކަށް އެސަރަޙައްދުން ނުކުންނަން މަސައްކަތްކުރުމުގެ ތެރޭގައި އެތައް ބަޔަކު ބިންމައްޗަށް ވެއްޓި ދެން ތިބި މީހުންގެ ފައިދަށުވެގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ކުއްލިއަކަށް އެސަރަޙައްދުން ނުކުތުމަށް އެއްވެފައިވާ އެތައް ހާސްބަޔަކު ދުއްވައިގަތް ސަބަބު ފުރިހަމައަށް އެނގިފައެއްނުވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ސަރަޙައްދުން ނުކުތުމަށް އެއްވެފައިވާ އެތަށް ހާސްބަޔަކު ދުއްވައިގަތީ ވަގުންގެ ބަޔަކު ވަޅިހިފައިގެން ބިރުދައްކަމުން މީހުންގެ މޯބައިލް ފޯނުފަދަ ތަކެތި ނަގަމުންދާކަމުގެ މަޢްލޫމާތު ލިބިގެންނެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުން އެކި މީހުންނަށް ލިބުނީ ބިރުވެރި އެކި މެސެޖްތަކެވެ. އެހެންކަމުން އެންމެންް ވެސް މަސައްކަތްކުރީ އަވަހަށް އެތަނުން ބޭރުވުމަށެވެ. މިކަމުގެ ސަބަބުން އެއްބަޔަކު ބިންމައްޗަށް ވެއްޓި ފައިދަށުވެ އަނެއްބަޔަކު ފިތުނީ އެވެ. މި ޙާލަތުގައި މީހުން ނުކުންނަން މަސައްކަތްކުރި އިރު މީހުންގެ ޙަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިވަރީ ކޯސްޓްގެ ބޮޑުވަޒީރު މިއީ ގައުމީ ކާރިސާ އެއް ކަމަށް ސިފަކުރައްވައި މިކަން ހިނގަން މެދުވެރިވި ސަބަބު ތަޙްގީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިހާދިސާގައި ޒަޚަމްވި ހުރިހާ މީހުންނަށް ސަރުކާރުގެ އެހީގައި ބޭސްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިޙާދިސާގައި ގިނައިން މަރުވެފައިވަނީ ޒުވާނުންނެވެ. (ބީ.ބީ.ސީ)