ބަނޑަށް ފަސް މަހުގައި އައިޖީއެމްއެޗްގައި މިއަދު ހެނދުނު ވިއްސި ކުއްޖަކު މަރުވި ކަމަށް ނިންމައި ވަޅުލުމަށް އާސަހަރާ އަށް ގެންދިޔަ ފަހުން އެ ކުއްޖާ މަރުނުވާކަން އެނގިގެން އަލުން އަނބުރާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފައްޓައިފި އެވެ.

އެ ކުއްޖާ އަކީ ގއ. ވިލިނގިލީ މީހަކާއި އެ އަތޮޅު ދެއްވަދޫ މީހަކަށް ލިބުނު ތިން ވަނަ ކުއްޖާ އެވެ. އެއީ ފިރިހެން ކުއްޖެކެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ގދ. ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް މާބަނޑު މީހާ ދެއްކުމުން ކުއްޖާގެ ބޮލުގެ ނާށިގަނޑެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން ވަގުތުން މާލެ އައިސް އެ ރޭ އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ދެއްކުމުން އެކަށީގެންވާ ވަސީލަތްތައް ހުރީ އައިޖީއެމްއެޗްގައި ކަމަށް ބުނުމުން މި މަހުގެ މި މަހުގެ 30 ވަނަ ދުވަހު އައިޖީއެމްއެޗަށް ދެއްކި ކަމަށް ވެސް އެމީހާ ބުންޏެވެ.

އޭނާ ބުނީ އައިޖީއެމްއެޗަށް ދެއްކުމުން ދަރިފުޅު ދުނިޔޭގައި ހުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަކަށް ދަރިފުޅު ވިއްސަން ޖެހޭ ކަމަށް ބުނުމުން އާއިލާގެ ރުހުމާ އެކު ބޭސްދީގެން ވިއްސާފައި ވަނީ މިއަދު 9:30 އެހާކަންހާއިރު ކަމަށެވެ. އަދި މަންމަ އާއި ބައްޕައަށް ދަރިފުޅު ދައްކާފައި ވަނީ މިއަދު މެންދުރު 12:00ގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު މަރުވި ކަމަށް އައިޖީއެެމްއެޗުން ބުނީ މެންދުރު 1:15 އެހާކަންހާއިރު ކަމަށާއި ނަމަވެސް ދަރިފުޅު ވަޅުލުމަށް އާސަހަރާ އަށް ގެންދިޔުމުން ދަރިފުޅު މަރު ނުވާ ކަމަށް ޖަމާއަތްތެރިން ބުނި ކަމަށެވެ.

އާ ސަހަރާ އިން އެގޮތަށް ބުނުމުން ކުއްޖާގެ ބައްޕަ އައިޖީއެމްއެޗަށް ގޮސް އާ ސަހަރާއަށް ޑޮކްޓަރަކު ފޮނުވައި ދިނުމަށް އެދުނު ކަމަށާއި ފުރަތަމަ ޑޮކްޓަރަކު ފޮނުވައި ދިނުމަށް ހޮސްޕިޓަލުން އިންކާރު ކުރި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އައިޖީއެމްޗުން ޑޮކްޓަރަކު ފޮނުވުމަށް އެއްބަސްވީ އެތާގެ ވެރިޔާއާ ބައްދަލުކޮށް އެ ޝަކުވާ ކުރުމުން އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ބުނީ އައުޖީއެމްއެޗްގެ ވެރިޔާ އާ ބައްދަލު ކުރުމުން އެއީ އެ ހޮސްޕިޓަލްގެ އިހުމާލެއް ކަމަށް ގަބޫލުކޮށް އެކަމަށް މައާފަށް އެދިވަޑައިގަތުމަށް ފަހު އެ މައްސަލަ ބަލައި ހަތް ދުވަހުގެ ތެރޭގައި ރިޕޯޓު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ބުނީ ދިރިހުއްޓައި އެ ކުއްޖާ އާ ސަހަރާއަށް ފޮނުވާލާފައި ވާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެ ކުއްޖާ އާސަހަރާއަށް ފޮނުވާލީ ފުރާނަ ނެތް ކަމުގެ އަލާމާތްތަކެއް ހުރުމުން ކަމަށެވެ. އަދި އެ ކުއްޖާގެ ފުރާނަ ހުރިކަމަށް ލަފާކުރެވިގެން އަނބުރާ އައިޖީއެމްއެޗަށް ގެންގޮސް ނާސަރީގައި މިހާރު ބާއްވާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އައިޖީއެމްއެޗުން ބުނީ އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.