މާލޭގައި ދުންފަތުގެ އިސްތިއުމާލްނުކުރެވޭނެ އާންމު ތަންތަނުގެ ލިސްޓެއް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން އާއްމުކޮށްފި އެވެ.

ސީސީއެޗްޑީސީން އާއްމުކުރި ލިސްޓުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭނެ 13 ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ.

ސީސީއެޗްޑީސީން ބުނީ އެއްވެސް ޕާކެއްގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ ކަމަށެވެ. އެތަންތަނުގެ ތެރޭގައި ޖުމްހޫރީ މައިދާނާއި އަޑު ޕާކާއި ހެލިޕޭޑް ސަރަހައްދާއި ކުޑަކުދިންގެ ބަގީޗާ އާއި އަތިރިމަތި ނުވަތަ ރަށު ތެރޭގައި ވެސް ކުޑަކުދިންނަށް ޚާއްސަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއްކަމަށް ސީސީއެޗްޑީސީން ބުންޏެވެ.

ޖެޓީތަކާއި ރަސްމީ ފާލަމާއި ބަނދަރުތަކާއި ފެރީ އޮޕަރޭޓްކުރާ ސަރަހައްދުތަކާއި އާޓިފިޝަލް ބީޗުގައި ބޯޑު ޖަހާފައިވާ ސަރަހައްދާއި ދަތުރުވެރިން މަޑުކޮށްލުމަށް ހަދާފައިވާ ތަންތަން ތަން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެއެވެ.

މަގުހުރަސް ކުރަން ކަނޑައަޅާފައިވާ ލައިންތަކާއި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ވަގުތީ މާރުކޭޓާއި ބަސް ސްޓޮޕްތަކާއި ޓްރެފިކް ލައިޓްތައް ހުންނަ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ގާޑިއާތަކާއި ޓްރެކް ސަރަހައްދާއި ސުނާމީ ބިނާ އާއި މާލޭ ހުޅަނގު ފަރާތު ތޮށިގަނޑުގައި މީހުން އިށީނުމަށް ޚާއްސަކޮށްފައިވާ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސީސީއެޗްޑީސީން މަނާކޮށްފައިވާ ކަމެކެވެ.

ސީސީއެޗްޑީސީން މިއަދު އާންމު ކުރި ތަންތަނުގެ އިތުރުން މިއަދު އަމަލު ކުރަންފެށި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އެގަވާއިދުގައި ބުނާގޮތުން އެފަދަ މައްސަލަތައް ރިޕޯޓް ކުރަން ޖެހޭނީ ފުލުހުންނަށެވެ.