28 Sep 2010, 15:14
މޫސޫން ތަން ނުދިނުމުން ޑީއާރްޕީގެ ބޮޑު މުޒާހަރާ މިރޭ ނުބާއްވާ ގޮތަށް ޕާޓީން ހަމައްޖަސައިފި އެވެ.
ޑީއާރްޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކުއްލި ގޮތަކަށް "މައްކާރު ސަރުކާރު" ނުވަތަ މަކަރުވެރި ސަރުކާރު މުޒާހަރާ ކެންސަލުކޮށްލަން ޖެހުނީ މޫސޫން ގޯސްވުމުން ކަމަށެވެ.
އަދި ވިދާޅުވީ މި މުޒާހަރާއަކީ ވަރަށް ބޮޑަށް ތައްޔާރުވެ ވަރަށް ގިނަ އިކްއިޕްމެންޓް ބޭނުންކުރުމަށް ނިންމާފައިވާ މުޒާހަރާއަކަށް ވާތީ މޫސުން ގޯސްވުމުން އެކަންކަން ކުރާނެ ފުރުސަތެއް ނެތް ކަމަށެވެ.
މީގެ އިތުރުން ވިއްސާރަވުމުގެ ސަބަބުން މީހުންނަށް ނާދެވޭނެތީ ކެންސަލް ކޮށްދިނުމަށް އެދެމުން ދިޔަ ކަމަށާއި މޫސޫމާބެހޭ އިދާރާ މެދުވެރިކޮށް މޫސުން ބެލުމަށް ފަހު މުޒާހަރާ ކެންސަލް ކުރީ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
މިރޭ ބާއްވަން އޮތް މުޒާހަރާއަކީ ޒައީމް މައުމޫނު ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ރާވަފައިވާ މުޒާހަރާއެކެވެ.