01 Jan 2013, 14:48
ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑް ބޭނުންކުރަމުންދާ ފަރާތްތަކަށް އެ ކާޑް ހަލާކުވުމުން ނުވަތަ މުއްދަތުހަމަ ވުމުން ކާޑުގެ މުއްދަތު އިތުރުކޮށްދޭން އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑް ގެންގުޅޭ ފަރާތްތަކައްވެސް ކާޑުގެ މުއްދަތު ހަމަވުމުން ނުވަތަ ކާޑު ހަލާކުވުމުން ނޫނީ ކާޑު ގެއްލުމުން ޑެބިޓް ކާޑް އަލުން ހައްދައެއް ނުދެ އެވެ. އޭގެ ބަދަލުގައި ދޫކުރަނީ އެމެރިކަން އެކްސްޕްރެސް ކާޑެކެވެ. އެ ކާޑުން ވިޔަފާރި ކުރެވެނީ ރާއްޖޭގައި އެކަންޏެވެ.
ބޭންކުން ބުނީ ގިނަ ބައެއްގެ އެދުމުގެ މަތިން ވިސާ ޑެބިޓް ކާޑް މިހާރުވެސް ހުރި ފަރާތްތަކަށް މުއްދަތު އިތުރު ކޮށްދޭން ނިންމާފައިވާ ކަމަށާއި ވިސާ ޑެބިޓް ކާޑެއް ގެއްލުމުން ނޫނީ ކާޑުގެ މުއްދަތު ހަމަވުމުން އެ ކާޑު އަލުން އާ ކޮށްދީ އާ ވިސާ ޑެބިޓް ކާޑެއް ހައްދައިދޭނެ ކަމަށެވެ. އަދި މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން އާ ކާޑަކަށް އެޕްލައި ކުރުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް މިހާރު ވިސާ ޑެބިޓް ކާޑް ނުގެންގުޅޭ ފަރާތްތަކަށް އެ ކާޑް ހައްދައިނުދޭނެ ކަމަށާއި އަދި ވިސާ ކާޑް އާ ކޮށްދޭނީވެސް ދިވެހިންނަށް ކަމަށް ބޭންކުން ބުންޏެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ވިސާ ކާޑް އަލަށް ހައްދާނަމަ ހައްދައިދޭނީ ޑޮލަރު އެކައުންޓަށްކަށް އެކަނި ކަމަށްވެސް ބޭންކުން ވަނީ ހަމަޖައްސައިފަ އެވެ.