ދެފަހަރެއްގެ މަތިން އޮސްކާ ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ސައުންޑު އެޑިޓަރު މައިކަލް ހޮޕްކިންސް، 53، އާދީއްތަ ދުވަހު ހިނގި ރާފްޓީންގް އެކްސިޑެންޓެއްގައި ނިއުޒީލެންޑުގެ ކޯރެއްގެ ތެރެއަށް ވެއްޓި ގެނބިގެން މަރުވެއްޖެ އެވެ.

"ލޯޑް އޮފްދަ ރިންގްސް" އާއި "ކިންގް ކޮންގް" ގައި އޭނާ ކޮށްފައިވާ ސައުންޑު އެޑިޓިންގެ މަސައްކަތަށް އޮސްކާ އިނާމު ލިބިފައިވާ ނިއުޒީލޭންޑުގެ ހޮޕްކިން މަރުވެފައި ވަނީ އޭނާގެ ދެ އެކުވެރިންނާއެކު ނިއުޒިލޭންޑުގެ ނޯތު އައިލެންޑުގެ ވައިއޯހިނާ ކޯރުގައި އޭނާގެ ދެ އެކުވެރިންނާ އެކު ރާފްޓް ދުއްވަމުން ދަނިކޮށް އޭތި ކޯރުގެ ތެރެއަށް ބަންޑުން ޖަހާލުމުންނެވެ.

އެވަގުތު ހޮޕްކިންސް އާއި އެކު ތިބި އޭނާގެ ދެރަހުމަތްތެރިން ވަނީ ޖެޓްބޯޓެއްގެ އެހީގައި ސަލާމަތް ކުރެވިފައެވެ. ލަފާ ކުރެވޭގޮތުގައި ހޮޕްކިންސް މަރުވެފައި ވަނީ އެމީހުން ދުއްވަން ތިބި ރާފްޓު ކޯރުގެތެރެއަށް ބަންޑުން ވުމާއި އެކު ކޯރުގެ ބާރު އޮއިގެ ތެރެއަށް ދަމައިގަތުމުގެ ސަބަބުން ނެވެ.
"ތިންމީހުން ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެން. ވެޓްސުއިޓްސް އަދި ހެލްމެޓްވެސް އަޅައިގެން. ހޮޕްކިންސް މަރުވީ އެމީހުން ތިބި ރާފްޓްގެ ތެރެއިން ކޯރުގައި ދެމެމުން ދިޔަ ބާރު އޮއިގެ ތެރެއަށް ވެއްޓުމުން،" ޕޮލިސް ސީނިއާ ސާޖެންޓް ކެރޮލީން ވޮޓްސަން ބުންޏެވެ.

ހޮޕްކިންސް އެކަޑެމީ އެވޯޑް ހާސިލް ކޮށްފައި ވަނީ 2003 ވަނަ އަހަރު ލޯޑް އޮފް ދަ ރިންގްސް: ދަ ޓޫ ޓަވާސް އާއި އަދި 2006 ވަނަ އަހަރު "ކިންގް ކޮންގް" ގައި އޭނާ ކޮށްފައިވާ ސައުންޑް އެޑިޓީންގެ މަސައްކަތަ ށެވެ.

އޭނާ މަސައްކަތް ކޮށްފައިވާ ބޮޑެތި މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި، "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީ، "ކިންގް ކޮންގް" "ބްލޭޑް ރަނާ"، ސްޕަމޭން"، "އޮކްޓޯޕަސީ" އަދި "ޓްރާންސް ފޯމާސް" ފަދަ ފިލްމުތައް ހިމެނެ އެވެ.