01 Jan 2013, 13:49
ފާއިތުވި 2012 ވަނަ އަހަރަކީ މޮޅިވެރި އަހަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ނަޝީދު މިއަދު ނެރުއްވި ތަހުނިޔާ މެސެޖްގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރަކީ އުނދަގޫތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ. އަދި ގައުމާ މެދު ވަރަށް ބޮޑު ޚިޔާނާތެއް ހިންގައިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިއްރިއްޔާތުގައި ރޭވުމަކުން މިގައުމުގައި އޮތް ޅަފަތުގެ ޑިމޮކްރެސީ ނަގާލާފައިވާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައި ވަނީ މިފެށުނު 2013 ވަނަ އަހަރަކީ ރައްޔިތުންނަށް ކުރިއަށް ވުރެ ރަނގަޅު އަހަރެއްކަމަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ ގޮންޖެހުންތަކާ އެކު ވެސް ގަބޫލުކުރާ ކަންކަމާ މެދު އިސްނަގައި ތެދުވުމުގެ ހިތްވަރާއި އެއްބައިވަންތަކަން ބަދަހި ކުރެވިފައިވާ ކަމަށާއި ކެތްތެރިކަމާއެކު އެކުވެރިވެރިކަން މަތީ ދެމިތިބުމުގެ ސިފަ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހާމަވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.