01 Jan 2013, 12:57
އެމްއެންޑީއެފް ކޯސްޓްގާޑުގެ 33 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޯސްޓްގާޑުގެ ސިފައިންނަށް ޚާއްސަކޮށްގެން އާ ޔުނިފޯމެއް ތައާރަފްކޮށްފި އެވެ.
ކޯސްޓްގާޑް ބިލްޑިންގްގެ ކޮންފަރެންސް ރޫމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އަލަށް ތައާރަފްކުރި ޔުނިފޯމު އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން އާ ޔުނިފޯމްގެ ހެޑްގެއަރު ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކޯސްޓްގާޑަށް ވަކި ޔުނިފޯމެއް ތައާރަފް ކުރުމުގެ ބޭނުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ޒަމާނީ ގޮތަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ކޯސްޓްގާޑު ހަދައި އަދި ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި މި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ކަނޑުގެ ސިފައިންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ކޯސްްޓް ގާޑަށް ހޯދައި ދިނުން ކަމަށެވެ.
ނާޒިމް ވިދާޅުވީ މި ފެށުނު އާ ހަރަކީ އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްގީ އަށް ތަފާތު ގިނަ ކަންތައްތަކެއް ކުރައްވާނެ އަހަރެއް ކަމަށެވެ. އެގޮތުން ސިފައިންގެ އެކޮމަޑޭޝަންގެ މަރާމާތުގެ މަސައްކަތާއި ސިފައިންނަށް ބޭނުންވާނެ އެކިއެކި އާލާތްތައް ހޯދައި ހަމަ ކުރިމާއި ސިފައިންގެ މިލިޓަރީ ހޮސްޕިޓަލްގެ މަސައްކަތްތައް ވެސް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ރާއްޖެ އިން ބޭރަށް ބޭސްފަރުވާ ހޯދަންދާ ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް ހެޔޮ އަގެއްގައި އެކޮމަޑޭޝަންގެ ކަންތައްތައް ހަމަޖެއްސުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް "ސިފައިންގެ ކޯޕަރޭޓިވް" (ސިފްކޯ)ގައި މި އަހަރު ވިދާޅުވާނެ ކަމަށެވެ. އަދި ސިފައިންގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގާބިލިއްޔަތުކަން އިތުރުކުރުމަށް މި އަހަރުގެ ތެރޭގައި ޚާއްސަ ތަމްރީނުތައް ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ސިފައިން އެންމެ ފުރަތަމަ ޔުނިފޯމް ބޭނުންކުރަން ފެށި އިރު ބޭނުންކޮށްފައި ވަނީ ދުވާލަށް ހުދު ޔުނިފޯމް އަދި ރޭގަނޑަށް ރަތް ޔުނިފޯމެކެވެ. ސިފައިގެ ޔުނިފޯމުގެ ތާރީހުގައި 1979 ވަނަ އަހަރާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން ސިފައިންގެ ޔުނިފޯމަށް ވަނީ ބަދަލުތަކެއް ނެގެސްފަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވަނީ ސިފައިންގެ ޔުނިފޯމްގެ ގަވާއިދެއް އެކުލަވާލައި ތަންފީޒު ކުރަންފަށައިފަ އެވެ.