ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙަންމަދާ ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ އިގްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށާއި ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތް ގޮތުގެ މައްޗަށް ވެސް ރައީސް ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޑރ. މަހާތިރަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ފަސޭހަފުޅު ވަގުތަކުން ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް އެމަނިކުފާނަށް ދަޢުވަތު އެރުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ޑރ. މަހާތިރު މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި ވެެސް ދިވެހި ރާއްޖެ އާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި ގާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށް ޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް މަހާތިރު ވިދާޅުވެ، ރައީސަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.