01 Jan 2013, 10:16
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އާ އަހަރު ފާހަގަ ކުރަމުން އެބަ ގެންދެ އެވެ. އެގޮތުން އެންމެ ފުރަތަމަ 2013 ވަނަ އަހަރު ކުލަ ގަދަގޮތެއްގައި ފާހަގަކުރަން ފެށީ ނިއުޒީލެންޑުގެ އޯކްލެންޑްގައި ބޭއްވުނު ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކުގެ ހަފުލާއަކުން ނެވެ.
އިންޓަނޭޝަނަލް ޑޭޓްލައިން އާއި އެމްނެ ކައިރި، ދުނިޔޭގެ އެންމެ ބޮޑު އެއްސިޓީ ކަމަށްވާ އޯކްލެންޑް ސިޓީގެ އުސްމިނުގައި 1076 ފޫޓުގެ ސްކައި ޓަވަރުމަތިން ވަނީ (ޖީއެމްޓީ ގަޑިން 11:00 ހިނގުމާ އެކު) ޖައްވުގެ ތެރެއަށް ހަވާތައް އަރުވަން ފަށައިފި އެވެ.
އަދި އޭގެ ދެގަޑިއިރު ފަހުން އޮސްޓްރޭލިޔާގެ ސިޑްނީ ހާބަރުގެ ވަށައިގެން އެތައް ހާސްބަޔަކު އެއްވެގެން ވަނީ އަގުބޮޑު އެކި ވައްތަރުގެ ހަވާގެ ކުޅިވަރުތައް ދައްކާލައިފި އެވެ. އަދި އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގު ބައިވެރިވެގެން ހަދާފައިވާ ސައުންޑު ޓްރެކަކަށް ގުޅޭގޮތަށް އެތަނުގެ މަޝްހޫރު ހާބާ ބްރިޖާއި އޮޕޭރާހައުސް ދިއްލާލުމަށް ވަނީ ހަތް ޓަނުގެ ފަޔަވޯކްސް ބޭނުންކޮށްފަ އެވެ.
އާއަހަރު ފެށުމަށް ޓަކައި ނޯތު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގެ މަލަމަތި އެއްކޮށް ފަޔަވޯކްސްތަކުން ދިއްލާލި އިރު، ސައުތު ކޮރެއާގައި އާ އަހަރު ފަށާފައި ވަނީ އެ ގައުމުގެ ވެރިރަށް ސޯލްގައި ހުންނަ 15 ސަތޭކަ ވަނަ ގަރުނުގެ އާސާރީ ބޮޑު ރަނގަބީލެއްކަމަށްވާ "ބޮސިންގަކް ބެލް" ސަގާފީ ގޮތަށް 33 ފަހަރު ރަނގަބީލު ޖެހުމާ އެކުގަ އެވެ.
ހޮންކޮންގްގައި އާ އަހަރަށް މަރުހަބާކިޔާފައި ވަނީ އެގައުމުގެ "ހޮންކޮންގު ހާބަރުގައި" މިހާތަނަށް ދައްކާލި އެންމެ ބޮޑު ފަޔަވޯކްސް އިންނެވެ. ލައްކަ އަކަށް ވުރެ ގިނަ މީހުން ހަވާގެ އެ ކުލަގަދަ ދައްކާލުންތައް ބަލާލުމަށް އެއްވި އެ ފަޔަވޯކްސްގެ އަގު ގާތްގަނޑަކަށް 1.6 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެސޯސިއޭޓެޑް ޕްރެސްގައިވެ އެވެ.
ޗައިނާގެ ބެއިޖިންގް އާއި ޝަންހާއީގައި ވެސް ވަނީ އާއަހަރު ފެށުމުގެ ގޮތުން ހަވާގެ ކުލަގަދަ ދައްކާލުންތަށް ބާވާފަ އެވެ.
ހަމަ އެއާއެކު ބަރުމާގެ ވެރިރަށް ރަންގޫންގައި ވަނީ ފުރަތަމަ ފަހަރަށް އާއަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ބޮޑު ފަޔަވޯސްގެ ދައްކާލުންތަކެއް ބާއްވާފަ އެވެ. އެތައް ހާސްބަޔަކު ކުޅިބަލަން އެއްވި މިރަސްމިއްޔާތު ބާއްވާފައި ވަނީ އެގައުމުގެ މީހުންގެ އެންމެ ބޮޑު ދީނީ މައިދާން ކަމަށްވާ "ދަ ގޯލްޑަން ޝްވެޑަގޮން ޕަގޮޑާ" ގައެވެ. އެތަނުގައި އެގައުމުގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒުކު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ބަރުމާގައި އާ އަހަރު ކުލަގަދަކޮށް ފާހަގަ ކުރަނީ ހަމައެކަނި ބޮޑެތި ލަގްޒަރީ ހޮޓާފަދަ ތަންތަނުގެ އެތެރޭގަ އެވެ. މިކަމުން ހާމަކޮށްދެނީ ބަރުމާ އާންމު ހާލަތަށް އަނބުރާ ރުޖޫއަ ވުމުގެ އަލާމާތްތައް ފެންނަން ފަށައިފި ކަމާއި، އަދި އެގައުމު ދުނިޔޭގެ އިގްތިސާދަށް ހުޅުވެން ފަށައިފި ކަމެވެ.
އެހެން ގައުމުތަކާ ޚިލާފަށް އިންޑިޔާ އަށް މިފަހަރު އާއަހަރު ލައިގަތީ ދިއްލީގެ މަގުމަތީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ހަމީހުންގެ ގޭންގަކުން 23 އަހަރުގެ އަންހެން ކުއްޖަކު އަނިޔާވެރިގޮތަކަށް ރޭޕްކުރުމުގެ ސަބަބުން އެކުއްޖާ ދުނިޔެ ދޫކުރުމުގެ ހިތާމައިގާ އެގައުމުގެ ރައްޔިތުން ތިބި ދަނޑިވަޅެއްގަ އެވެ.
އިންޑިޔާގެ އާމީ އިން ވަނީ އެގައުމުގައި 2013 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ރާވާފައިވާ ހުރިހާ ހަރަކާތްތަކެއް އެކަމާގުޅިގެން ކެންސަލް ކޮށަފަ އެވެ. އަދި އެހިތާމަޔާ ގުޅިގެން ހޯމަ ދުވަހު މީސްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުގެ ސަބަބުން އެގައުމުގެ ގިނަ އަދަދެއްގެ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ވަނީ ބަންދު ކޮށްފަ އެވެ.
ޔޫރަޕްގެ ގައުމުތަކުގައި ވެސް އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތައް ބޭއްވޭނެ އެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަނާއި ރަޝިޔާގެ މޮސްކޯ އަދި ފުރާންސްގެ ޕެރިސް ފަދަ ތަންތަނުގައި 2013 ވަނަ އަހަރު ފެށުން ކުލަގަދަ ކޮށް ފާހަގަ ކުރާނެ އެވެ.
އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނެއިރޯގެ ކޮޕަ ކަބާނާ ބިޗަށް ދެމިލިޔަނަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ހަމަ އެހެންމެ ނިއުޔޯގައި އާހަރު ފެށުމުގެ ގޮތުން އެތަނުގެ ޓައިމްސްކުއާގެ މަތިން ސަގާފީ އާއަހަރުގެ ކައުންޓު ޑައުން އާއި ބޯލްޑްރޮޕްގެ ހަރަކާތްތައް ބޭއްވޭނެ އެވެ. -- ބީބީސީ