01 Jan 2013, 10:08
ބްރަސަލްސް (ޖަނަވަރީ 01): ފާއިތުވި 2012 ވަނަ އަހަރަކީ ނޫސްވެރިންނަށާއި މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކަށް ގެއްލުންބޮޑު އަހަރެއް ކަމަށާއި ފާއިތުވި އަހަރުގައި 121 ނޫސްވެރިއަކު މަރާލާފައިވާ ކަމަށް ނޫސްވެރިންނާ ބެހޭ ބައިނަލްއަޤްވާމީ އިއްތިޙާދުން ބުނެފި އެވެ.
އެ އިއްތިޙާދުން އިއްޔެ ނެރުނު ރިޕޯޓެއް ބުނާ ގޮތުން 2011ގައި 107 ނޫސްވެރިއަކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަރާލާފައިވާ އިރު 2012 ވަނަ އަހަރުވަނީ 121 ނޫސްވެރިއަކު މަރާލައިފަ އެވެ. މިރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން އެންމެ ގިނަ ނޫސްވެރިން މަރާލާފައި ވަނީ ސޫރިޔާ، ސޮމާލިޔާ މެކްސިކޯ އަދި ޕާކިސްތާނުގަ އެވެ. ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ 36 މީހަކު މަރާލާފައިވާ އިރު ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެ ހަލާކުވެފައިވާ ސޮމާލިޔާގައި 18 ނޫސްވެރިއަކު މަރާލާފައިވެ އެވެ. ޕާކިސްތާނާއި މެކްސިކޯ މިދެގައުމުގެ ތެރޭން ކޮންމެ ގައުމެއްގައި ވެސް 10 ނޫސްވެރިން މަރާލާފައިވެ އެވެ.
މީގެއިތުރުން ފިލިޕީންސްގައި ފަސް ނޫސްވެރިންނާއި ޢިރާޤުގައި ފަސް ނޫސްވެރިއަކު މަރާލާފައިވެ އެވެ. ނޫސްވެރިންނާބެހޭ ބައިނަލްއަޤްވާމީ އިއްތިޙާދުގެ ރިޕޯޓް ބުނާ ގޮތުން 2012 ވަަނަ އަހަރު މަރާލާފައިވާ 121 ނޫސްވެރިންގެ ތެރެއިން 30 މީހުން މަރާލާފައި ވަނީ އެމީހުން ނޫސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށެވެ. މިހާގިނަ ޢަދަދެއްގެ ނޫސްވެރިން 2012 ވަނަ އަހަރު މަރާލާފައި ވަނީ ސަރުކާރުތަކާއި އދ. ން ނޫސްވެރިން ޙިމާޔަތް ކުރުމުގައި ނާކާމިޔާބު ވުމުން ކަމަށްވެސް މިރިޕޯޓް ބުނެ އެވެ.
ނޫސްވެރިންނާ ބެހޭ ބައިނަލްއަޤްވާމީ އިއްތިޙާދުގެ ރައީސް ޖިމް ބޫމިލްޙާ ވިދާޅުވި ގޮތުގައި ނޫސްވެރިން މިހާގިނަ ޢަދަދަކަށް މަރުވުމަކީ ދުނިޔެ ލަދުގަންނަން ޖެހޭ ކަމެކެވެ. ނޫސްވެރިން ޙިމާޔަތް ކުރާނެކަމުގެ އަޑުތައް ހުރިހާ ސަރުކާރުތަކަކުން ވެސް ފަތުރާއިރު މިހާ ގިނަ ޢަދަދަކަށް އެމީހުން މަރުވުމަކީ ސަރުކާރުތަކުން ލަދުގަންގަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. (ޖަރުމަނު ނޫސްއެޖެންސީ)