މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ވިދާޅުވީ މީލާދީ އާ އަހަރެއް ފެށުމުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، އާ އަހަރުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖެ އަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުގައި ކެތްތެރިކަމާ އެކު ފިޔަވަޅުތައް އަޅައި ދިވެހި ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށާއި ސަލާމަތަށް އަދި ގައުމުގެ ހަމަޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

މި ފެށުނު 2013 ވަނަ އަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރު ކަމަށާއި އެ އިންތިހާބުގެ ތައްޔާރީތައް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންތިޚާބަށް ތައްޔާރުވަމުންދާ އިރު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އިތުރަށް ވަރުގަދަކޮށް، ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރުމުގެ ޖާގަ، އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް، ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިފެށުނު 2013 ވަނަ އަހަރަކީ ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއް ކަމުގައި މާތްﷲ ލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.