31 Dec 2012, 23:33
އަންނަ ފެބުރުއަރީ މަހުގެ 11 އިން 15 އަށް އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ބިމަތަންގަލް އަދި ސްރިޕެރުމްބަޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ސާކް ޔޫތު ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އަށް ލިބިއްޖެ އެވެ.
ޔޫތު މިނިސްޓރީން ބުނީ، ކޭމްޕުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި ރާއްޖެއިން ބައިވެރި ކުރާގޮތަށް ހަމަޖައްސާފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ކަމަށެވެ. އަދި ކޭމްޕުގައި ބައިވެރިވާ ކުދިން ރާއްޖޭގެ ކަންޓްރީ ޕްރެޒެންޓޭޝަނަކާއި ޘަޤާފީ އައިޓަމެއް ހުށަހަޅާދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މިނިސްޓުރީން ބުނީ، ކޭމްޕްގައި ބައިވެރިވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 2:00 ޖެހުމުގެ ކުރިން މާފަންނު ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް އެޕްލިކޭޝަން ފޯމް، ސީވީ އަދި ޕާސްޕޯޓް ފޮޓޯކޮޕީ ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ކޭމްޕަށް ބައިވެރިން ހޮވުމުގައި މިނިސްޓްރީއަށް އެކިގޮތްގޮތުން ވޮލަންޓިއާކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ ކޭމްޕްގެ ނަން އަދި ޝިއާރެއްގޮތުގައި ކަނޑައަޅާފައިވަނީ، "ޔޫތު އޭޒް އެމްބެސަޑާސް އިން ގްލޯބަލް ޕާޓްނަރޝިޕް ފޮ ޑިވެލޮޕްމަންޓް" އެވެ.
ކޭމްޕްގެ މަޤްސަދަކީ ބައިވެރިވާ ޒުވާނުން ފައިދާކުރަނިވި އިސްނެގުމުގެ ސިފައާއި ގުޅުވައިދެމުން، ދޭދޭ ޘަޤާފަތްތަކުގެ ގުޅުން ބަދިހިކޮށް، އެފަރާތްތަކުގެ ރައްޔިތުންގެ ތެރޭގައި ލާމަސީލު ބައެއްގޮތުގައި ތައްޔާރުކުރުމެވެ.