14:30


ސަލާމަތީ ބާރުތަކުން ގައީދީންނަށް އަނިޔާކުރުމާއި، އަންހެނުންނާ މެދު ތަފާތުކުރުންތައް ގެންގުޅުމުގެ އިތުރަށް ދީނީ މިނިވަންކަން ނެތުމާއި ވަޒީފާގެ ހައްގުތައް ފަދަ އިންސާނީ ހައްގުތައް ނެތުމުގެ މައްސަލަތަކެއް އަދިވެސް ރާއްޖޭގައި އެބަހުރި ކަމަށް އެމެރިކާ އިން ބުނެފި އެވެ.


އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ބިއުރޯ އޮފް ޑިމޮކްރެސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރ އިން 2009 ވަނަ އަހަރުގެ ރާޢްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ބިނާކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ފާއިތުވި އަހަރު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރިކޯޑަށް އެދެވޭ ކުރިއެރުމެއް އައިސްފައިވީ ނަމަވެސް ބައެއް ދާއިރާތަކުގައި އަދިވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.


އެ ގޮތުން ފާއިތުވި އަހަރު ރައްޔިތުންގެ އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި އިޖްތިމާއީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ސަރުކާރުން ކޮށްފައި ވީނަމަވެސް، އަދިވެސް ސަލާމަތީ ބާރުތަކުން ގައީދީންނަށް އަނިޔާކުރުމާއި، އަންހެނުންނާ މެދު ތަފާތުކުރުންތައް ގެންގުޅުމުގެ އިތުރަށް ދީނީ މިނިވަންކަން ނެތުމާއި ވަޒީފާގެ ހައްގުތައް ނެތުން ފަދަ އިންސާނީ ހައްގުތަކުގެ މައްސަލަތެއް ފެންމަތިވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.