މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުއާޒު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ސަން އޮންލައިނަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މުއާޒް ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިހާރު އޭނާގެ ދިރިއުޅުއްވުމަށް ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން މީޑިއާ ކައުންސިލަށް އެކަށީގެންވާ ވަގުތު ނުދެވޭނެތީ ކަމަށެވެ.

"އަޅުގަނޑު އެ މަގާމަށް ކުރިމަތިލިއިރު ވެސް އަޅުގަނޑު ބުނިން އަޅުގަނޑަށް ފުލްޓައިމްކޮށް ކޮންމެ ދުވަހަކު އަމަލީކޮށް މަސައްކަތް ނުކުރެވޭ ހާލަތަކަށް އަޅުގަނދުގެ ދިރިއުޅުމުގެ ކަންތައްތައް ހިނގައްޖެ ނަމަ އަޅުގަނޑުގެ ސަބަބުން މީޑިއާ ކައުންސިލްގެ މަސައްކަތްތަކަށް ބުރޫއެއް ނޭރުވުމަށް ޓަކައި އިސްތިއުފާދޭނެ ކަމަށް." މުއާޒް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ނާއިބުގެ މަގާމުން މުއާޒް މިއަދު އިސްތިއުފާދީފައިވާ އިރު އޭނާއަކީ އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ހޮވާފައިވާ ބޭފުޅެކެވެ.