31 Dec 2012, 21:25
މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކުރުމުން އޭނާ އަމިއްލަ އަށް އައިސް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭ ދަފްތަރު ނަންބަރު 5113 ސަޢީދު އަޙުމަދު، 55، ރޭ 9:30 އެހާކަންހާ އިރު މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި އޭނާ މިއަދު ހޯދަން އިއުލާންކުރުމުން އޭނާ އަމިއްލަ އަށް އައިސް ފުލުހުންނާ ހަވާލުވެފައި ވަނީ ދާދި ދެންމެ ކަމަށެވެ.
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލުހިނގި މީހަކު މިއަދު ފުލުހުން ހައްޔަރުކޮށްފައިވާ އިރު ފުލުހުން މިއަދު ވަނީ ގައްދޫގައި ވެސް ކުޑަކުއްޖެއް ރޭޕުކުރިކަމުގެ ތުހުމަތުގައި ކުޑަ ދެ ކުދިންނާއި 18 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވިލިމާލެ އިން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ.