31 Dec 2012, 21:21
މި އަހަރު ރައްޔިތުންގެ މަޖިލީހުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 32 ބިލެއް މަޖިލީހަށް ހުށައެޅި އޭގެތެރެއިން 20 ބިލެއްގެ މަސައްކަތް މުޅިން ނިންމާލެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުލްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި މަޖިލިސް މެމްބަރުންނާއި ޝާހިދުގެ ނަންފުޅުގައި ދިވެހި ރައްޔިތުނަށް ތަހުނިޔާ ކިޔުމަށް ޝާހިދު މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި އަހަރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން 20 ބިލެއްގެ މަސައްކަތް މުޅިން ނިންމާލާފައިވާ އިރު މި އަހަރު 18 ބިލެއް މަޖިލީހުގެ ކޮމިޓީތަކަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މި އަހަރު 14 ގަރާރު ހުށަހެޅިފައިވާ އިރު އޭގެތެރެއިން ނުވަ ގަރާރެއް އަނބުރާގެންދަވާފައިވާ ކަމަށެވެ. އަދި މި އަހަރު ކޮމިޓީތަކުން މަސައްކަތް ނިންމަވައި 32 ރިޕޯޓެއް މަޖިލީހަށް ހުށަހެޅުނުއިރު އޭގެތެރެއިން 27 ރިޕޯޓެއް މަޖިލީހުން ފާސްކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ހޫނުވެގެންދާ ކޮންމެ ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެކަމުގެ ސީދާ އަސަރު ކުރާ ކަމަށާއި އެ ގޮތުން މި އަހަރު ރައްޔިތުންގެ މަޖިލިސް ތަޖުރިބާކުރި ތަފާތު ކަންތައްތަކަކީ ވަރަށް ދަތި އަދި ވަރަށް "ހައްސާސް" ކަންތައްތަކެއް ކަމަށެވެ. އަދި މިއަހަރު ނިމި އާ އަހަރަކާ ކުރިމަތިލާ އިރު ރާއްޖެ އަށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އިތުރު ކުރިއެރުން ހޯދަން މަސައްކަތްކުރަންވީ ވަގުތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މިހާރު ރައްޔިތުންގެ މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފައިވާ އިރު މި އަހަރުގެ ރައްޔިތުންގެ ތިން ދައުރަށް ބަލާ އިރު ނިމިގެން ދިޔަ ތިން ދައުރަކީ މަޖިލީހުގެ ތާރީހުގައި ވެސް އެންމެ ހަލަބޮލި އަދި މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒު ވެގެން ދިޔަ ތިން ދައުރެވެ.