އުމުރުން 17 އަހަރުގައި 12 އަހަރުގެ އަންހެން ކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިނގި މީހަކު ދެ އަހަރަށް ޖަލަށްލުމާ އެކު 12 އެތިފަހަރުން ތައުޒީރު ކުރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިހާރު 22 އަހަރު ވެފައިވާ އެ މީހާ ދެ އަހަރަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ 2007 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 12 އަހަރުގެ އަންހެންކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރު ކުރި ނަމަވެސް އަނިޔާލިބުނު ކުއްޖާގެ ބަހުންނާއި އެ ހާދިސާ ހިނގި ގޭގެ ބައެއް މީހުން ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުން އޭނާގެ މައްޗަށް އެކުށް ސާބިތުވާކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ވެސް އަދި އަދަބު ކަނޑައަޅާފައި ވަނީ ވެސް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އެއީ އޭނާ ކުށްކުރި އިރު އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ހަމައެކަނި އޮންނަނީ އެ ގަވާއިދު ކަމަށް ވާތީ އެވެ.

އެއީ މީގެ ފަސް އަހަރު ކުރިން ހިނގި ހާދިސާއެއް ކަމަށް ވިޔަސް އެ މައްސަލަ ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. ދައުލަތުގެ ފަރާތުން ޖުވެނައިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓަކަށް އެ މައްސަލަ ހުށަހެޅުމަށް ފަހު އަނބުރާ ގެންދިޔުމަށް ފަހު އެވެ.

މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން "ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ" ކުށުގައި ދައުވާކޮށް ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އެ ގާނޫނުގެ ދަށުން އެފަދަ ކުށްތަކަށް ލިބޭ އަދަބު ބޮޑެވެ.