31 Dec 2012, 17:38
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ މެންބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެން މަޖިލިސް ފަށާނީ 2013 ވަނަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ.
ރައްޔިތުން މަޖިލީހުގެ ފުރަތަ ދައުރު ފަށާނީ ގާނޫއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ގައުމުގެ ހާލަތު ބަޔާން ކޮށްދީ ގައުމުގައި ކުރިއަށް ރަނގަޅު ކުރަންޖެހޭ ކަންތައް ބަޔާންކޮށްދީ ރިޔާސީ ބަޔާން އިއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ދައުރަށް ބަލާއިރު ބިނާ ކުރަނިވި މަސައްކަތް ތަކެއް ނުކުރެވުނެވެ. ވެރިކަން ވެއްޓުމަށް ފަހު ފެބުރުއަރީ މަހު އުފެދުނު ހަމަނުހުންތަކާ އެކުހެން މަޖިލީސްވެސް ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލަން ޖެހިފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި ވަރަށް މުހިންމު ބޭނުންތެރި ބިލްތަކެއް ފާސް ކުރެވިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި ފާސް ކުރެވިފައިވާ މުހިންމު ބިލް ތަކަށް ބަލާއިރު ސިޔާސީ ޕާޓީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި ޖަލުތަކާއި ޕެރޯލްގެ ބިލާއި ޕްރައިވެޓައިޒޭޝަން ބިލާއި މުސާރައިގެ އޮނިގަނޑު އަލުން މުރާޖައާ ކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓް ފާސްކުރުން ހިމެނެ އެވެ. އަދި މިނޫސް ވެސް ގައުމީ ބޮޑެތި މައްސަލަތަކާއި ގުޅިން ހުރި ކަންކަމުގައި ގަރާރުތައް ފާސް ކޮށްފައިވެ އެވެ.
މިއަހަރުގެ ރައްޔިތުންގެ ތިން ދައުރަށް ބަލާއި ނިމިގެން ދިޔަ ތިން ދައުރަކީ މަޖިލީހުގެ ތާރީހުގައި ވެސް އެންމެ ހަލަބޮލި އަދި މޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒު ވެގެން ދިޔަ ތިން ދައުރެވެ.