31 Dec 2012, 17:30
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފާހަނގަ ކުރުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް މިފަހަރު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައި ވަނީ ލ އަތޮޅު ފޮނަދޫގައި ކަމަށް މިނިސްޓްރީ އޮފް ހޯއެފެއާޒްއިން މިއަދު ހާމަކޮށްފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހިންގުމަށް ހަމަޖެހިފައިވާ ރަސްމީ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ 1434 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ހިންގާ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދާނީ މާލެއިން ބޭރުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ކަމަށެވެ.
"މިފަހަރު 1434 ވަނަ އަހަރުގެ ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވަނީ މާލެިއިން ބޭރުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި. އެގޮތުން ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނީ ލ އަތޮޅު ފޮނަދޫގަައި،" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ މިފަހަރުގެ ގައުމީ ދުވަހަށް ހާއްސަކޮށްގެން އެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި "އަމާން ވެށި ގައުމުގެ ކުރިއެރުން" ކަނޑައަޅާފައިވާ ކަމަށެވެ.
ގައުމީ ދުވަހަކީ ރަބީޢުލްއަށްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މީލާދީ މަހުން ގައުމީ ދުވަހާ މިފަހަރު ދިމާވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހެވެ.
އަބްދުﷲ ވިދާޅުވީ މިފަހަރުގެ ގައުމީ ދުވަސް ކުލަގަދަ ކޮށް ފާހަނގަ ކުރުމުގެ ގޮތުން ޖެނުއަރީ 13 ވަނަ ދުވަހު މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމީއްޔާތެއް އެ ދުވަހުގެ ހެދުނު 6:00 ޖަހާއިރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާއެއް އެ ދުވަހުގެ ހެނދުނު 9:30 ގައި ލ ފުނަދޫ ތައުލީމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ގައުމީ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުން މުޅި އަތޮޅަށް ހުޅުވާލައިގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އަދި އެ ހަރަކާތުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން އެދުވަހުގެ ހަވީރު މުޅި ރާއްޖޭގައި އެއްބައިވަންތަ ކަމުގެ އަތުގުޅާލުމެއް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ލ ފުނަދޫގައި ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް ގައުމީ ދުވަސް ނިސްބަތްވާ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް އުފަން ރަަށް ކަމުގައިވާ ހއ އުތީމުގައި ބާއްވާ ހާއްސަ ޖަލްސާ މިއަހަރުވެސް ބާއްވާނެ ކަމަށެވެ.