ޓޫރިޒަމްގައި ރާއްޖެއާ ވާދަވެރި ސްރީލަންކާއިން އެއްމިލިއަން ޓޫރިސްޓުން މިއަހަރު ތެރޭގައި ދަތުރުކުރީއިރު ރާއްޖެއަށް އެ އަމާޒަށް ވާސިލް ނުވެވޭނެކަން ޔަގީންވެއްޖެ އެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރީ މިއަހަރު ނިމޭއިރު އެއްމިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެ އައީ 866،310 ޓޫރިސްޓުންނެވެ. ރާއްޖެ އެއްމިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްވާން ބޭނުން ނަމަ މި މަހުގެ ތެރޭގައި 133،690 ޓޫރިސްޓު ޒިޔާރަތް ކުރަން ޖެހޭނެ އެވެ. ނަމަވެސް ތަފާސް ހިސާބަށް ބަލާއިރު އެއީ ނުވާނެ ކަމެކެވެ. އެއީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ނޮވެމްބަރު މަހުވެސް ރާއްޖެ ޒިޔާރަތް ކުރީ 82311 ޓޫރިސްޓުންނެވެ.

ރާއްޖެއަށް އަމާޒަށް ވާސިލް ނުވެވޭނެ ކަން މިހާރުވެސް ޔަގީންވާއިރު ލަންކާގެ މީޑިއާތަކުގައި ބުނެފައިވަނީ ލަންކާއަށް ޒިޔާރަތް ކުރި އެއްމިލިއަންވަނަ ޓޫރިސްޓު ރޭ 10 ޖެހީއިރު ލަންކާއަށް އައިސްފައިވާ ކަމަށާއި އޭނާ އައިސްފައިވަނީ ޗައިނާގެ ބެއިޖިންއިން އައި ސްރީލަންކަން އެއާލައިންސްގެ ޔޫއެލް – 188 ފްލައިޓުން ކަމަށެވެ. އެ ޓޫރިސްޓަށް ލަންކާގެ ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ސްރީލަންކަން އެއާލައިންސްގެ އިސް އޮފިޝަލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

"އަހަރުމެން ފަހުރުވެރިވަން އަހަރުމެން ގައުމަށް ގެނެވުނު އެއްމިލިއަން ވަނަ ޓޫރިސްޓް ފުރަތަމަ ފަހަރަށް ގެނެވުނީތީ،" ސްރީލަންކަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެއިން ކަނޑައެޅި އަމާޒަށް ލަންކާ ވާސިލްވީއިރު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިއްޔެ ވިދާޅުވީ އަމާޒަށް ވާސިލްނުވެވުނު ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މާ ރަނގަޅުވާނެ ކަމަށާއި ގިނަ ގޮންޖެހުންތަކަކާއި އެކުވެސް މިއަހަރަކީ ރާއްޖެއަށް ޓޫރިޒަމްގެ ރަނގަޅު އަހަރެއް ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ އެ ވަގުތައް ނޭވާ ހިފަހައްޓާލަން. ހަމަވިއަސް ނުވިޔަސް އަޅުގަނޑުމެން އިއުލާން ކުރާނަން އަހަރު ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު،" އަދީބު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިއަހަރުގެ ނޮވެމްބަރުގައި ރާއްޖެ އައި 82311 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 85501 ޓޫރިސްޓުންނަށް ވުރެ 3.7 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖޭގެ ޓޫރިޒަމްއަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އައި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަވައްޓެރި ލަންކާގައި ތަމަޅަ ޓައިގަރުންނާ ކުރެވުނު ދާހިލީ ހަނގުރާމަ ނިމުމާ އެކު ލަންކާގެ ޓޫރިޒަމް އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ރާއްޖޭގެ އެއްވަނަ ޝިނާއަތް ޓޫރިޒަމަށް ބޮޑެތި އަސަރުތަކެއް ކުރީ ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމާއި ގުޅިގެން އައި ބޮޔޮކެޓް ކެމްޕޭންތަކާ ގުޅިގެންނެވެ.