ރިޔާޟް (ޑިސެމްބަރ 31): ސައޫދީ އަރަބިޔާގެ ތާރީޚުގައި އެކަށައެޅި އެންމެ ބޮޑު ބަޖެޓް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއީ ކުރިޔަށް އޮތް 2013 ވަނަ އަހަރަށް އެކަށައެޅި ބަޖެޓެވެ.

އަށް ސަތޭކަ ނަވާވީސް ބިލިޔަން ރިޔާލު (221 ބިލިޔަން އެމެރިކާ ޑޮލަރު)ގެ މިބަޖެޓްގައި އެންމެ ގިނަ ފައިސާ ކަނޑައަޅާފައި ވަނީ ތަޢްލީމަށެވެ. ތަޢްލީމަށް 54 ބިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާ އިރު އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ. ތަޢްލީމަށް އެކަށައަޅާފައިވާ ބަޖެޓްގައި އެންމެ ގިނަ ފައިސާ ޚަރަދުކުރުމަށް ރާވާފައި ވަނީ ތައްލީމީ އިތުރު މުއައްސަސާތައް (ސްކޫލްތަކާއި އިންސްޓިޓިއުޓްތަކާއި ޔުނިވަރސިޓީތައް) ބިނާކުރުމަށާއި މިހާރު ހުރި ތައްލީމީ މުއައްސަސާތައް އިތުރަށް އަޕްގްރޭޑް ކުރުމަށެވެ. މީގެ އިތުރުން ސައެންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންއާއި މެޑިސިން ފަދަ ދާއިރާތަކުގައި ބޭރު ގައުމުތަކަށް ސައޫދީ އެތައް ހާސް ދަރިވަރުންނެއް މަތީ ތައްލީމު ޙާސިލްކުރުމަށް ފޮނުވުމަށް ވެސް ތައްލީމީ ބަޖެޓްގެ ބޮޑުބައެއް ހޭދަކުރުމަށް ރާވާފައިވެ އެވެ.

ދެވަނަ އަށް ބަޖެޓްގައި އެންމެ ބޮޑު އަދަދެއް އެކަށައަޅާފައި ވަނީ ސިއްޙީ ކަންތައްތަކަށެވެ. އެއީ 26 ބިލިޔަން އެމެރިކާ ޑޮލަރެވެ. ސިއްޙަތާ ބެހޭ ބަޖެޓްގެ ބޮޑުބައި އެކަށައަޅާފައި ވަނީ އިތުރު 19 ހޮސްޕިޓަލާއި މެޑިކަލް ސިޓީގެ ފަސް ސިޓީ ޒަމާނީ ފެންވަރަށް އަލުން ބިނާކޮށް އެތަންތަނަށް ބޭނުންވާ ސިއްޙީ އާލާތްތައް ހޯދުމަށެވެ. ފެނާއި ދަޑުވެރިކަމާއި ސިނާޢީ ސެކްޓަރުތަކަށް ޚަރަދުކުރުމަށް ބަޖެޓްގައި އެކަށައަޅާފައި ވަނީ 15 ބިލިޔަން އެމެރިކާ ޑޮލަރެވެ. މަގުތައް ހެދުމަށާއި ޓްރާންސްޕޯޓަށް 17.3 ބިލިޔަން އެމެރިކާ ޑޮލަރެވެ.

މާދަމާ ފެށޭ އަންނަ އަހަރުގެ ސައޫދީ ބަޖެޓްގައި އެ ގައުމަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 221 ބިލިޔަން އެމެރިކާ ޑޮލަރެވެ. މީގެތެރެއިން 95 އިންސައްތައަކީ ތެލުގެ އާމްދަނީ ކަމަށް ވެސް ބަޖެޓްގެ ލިޔެކިޔުންތައް ބުނެ އެވެ. އަދި 2013ގައި ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 218.7 ބިލިޔަން އެމެރިކާ ޑޮލަރެވެ. އަދި ބަޖެޓް އަރަނީގެ ގޮތުގައި 2.39 ބިލިޔަން ޑޮލަރު 2013 ވަނަ އަހަރު ނިމޭއިރު އިތުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ސަޢޫދީ މާލީ ވަޒީރު އިބްރާހީމް އަލްޢައްސާފު ވިދާޅުވި ގޮތުގައި ސައޫދީ އަރަބިޔާއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ގައުމީ އާމްދަނީ 95 އިންސައްތައަކީ ތެލުގެ އާމްދަނީ ކަމަށްވުމަކީ ވިސްނަންޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ. ތެލުގެ އާމްދަނީގެ ބަދަލުގައި ސިނާޢީ އުދެއްދުންތަކާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި އިތުރު ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ކާމިޔާބު ނޫންކަމަށް ސައޫދީ ވަޒީރުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ. ސައޫދީ މާލީ ވުޒާރާ އިން ލަފާކޮށްފައި ވަނީ 2013 ވަނަ އަހަރު އެގައުމުގެ އިޤްތިސާދު 6.8 އިންސައްތައިގެ ރޭޓެއްގައި ކުރިއަށްދާނެ ކަމަށެވެ. (ނޫސްއެޖެންސީތައް)